އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކެއް ހުޅުވައިފި
އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކަކާއި އެފަރާތްތަކުން ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި މިޚިދުމަތް ތަޢާރަފްކޮށްދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ އިސްރަށްވެހީންނަށް ޚާއްސަކޮށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކްލިނިކަކާއި ގޭގައި ތިބެގެން މެމޯ ހެއްދޭނެ މަގުފަހިވެގެން ދިއުމަކީ ޒަމާންތަކެއް ވަންދެން އެފަރާތްތަކުން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ. ވަޒީރު ޚަލީލް ވިދާޅުވީ މިކްލިނިކުން އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޞިއްޙީ ޚިދުމަތް ދިނުން ކުރިއަށް ގެންދަވާނެކަމަށެވެ.
އައިޖީއެމްއެޗުގައި ފެށި މިކްލިނިކްގެ ޚިދުމަތް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވަޢުދުފުޅެއް ކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ރައީސްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ޞިއްޙީ ވުޒާރާއިން ކުރިއަށް ގެންދަވާނެކަމަށެވެ. އަދި މިޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން އަވަށްޓެރި އެހެން ޤައުމުތަކާއި ވާހަކަދައްކަވަމުން އަންނަކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އިސްރަށްވެހީންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14 މަގުޗާޓުގައިވެސްވަނީ ހިމަނުއްވާފައެވެ.