މިހާރު "އެނިމަލް" ނެޓްފްލިކްސް އިން ބެލޭނެ
އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރްގެ "އެނިމަލް" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
މި ފިލްމު އެ ޕްލެޓްފޯމުން ބަލާލުމުގެ ފުރުސަތު ފަހިވެގެން ދިޔަ އިރު، މިއީ ރަންބީރް ވަރަށް މޮޅު އެކްޓިން ދައްކުވައި ދީފައިވާ ފިލްމެކެވެ. ވަރަށް ގިނަ ކްރިޓިކުންނާއި ބެލުންތެރިން ވެސް ބުނެފައިވާ ގޮތުގައި "އެނިމަލް" އިން ރަންބީރް ވަނީ އޭނަ އަކީ ކިހާ މޮޅު އެކްޓަރެއްކަމާއި ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެވިދާނެކަން ސާބިތުކޮށް ދީފަ އެވެ.
ދެޖާސް ނަވާރައިގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ މި ފިލްމަކީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި ފިލްމެކެވެ. އެގޮތުން ފިލްމުގައި ފިރިހެނުންގެ ބާރުވެރިކަމާއި ނުފޫޒު އިންތިހާ އަށް ދައްކުވައި، އަންހެނުންނަކީ ބަލިކަށި ބައެއްގެ ގޮތުގައި ދައްކުވައި ދީފައިވާ ކަމަށް ބުނެ ފިލްމީ ދާއިރާގެ ބައެއް މީހުން ވެސް "އެނިމަލް" އަށް ފާޑު ކިޔާފައިވެ އެވެ. އެކަމަކު އެފަދަ އެއްވެސް ފާޑުކިއުމެއްގެ އަސަރު ފިލްމުގެ ވިޔަފާރިއަކަށް ނުކުރެ އެވެ.
ޖުމްލަ 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ މި އެކްޝަން ޑްރާމާ އަށް ބޮކްސް އޮފީހުގައި 917.31 ކްރޯޑް ރުޕީސް (110.4 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
ރަންބީރާ އެކީ "އެނިމަލް" ގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ޓްރިޕްތީ ދިމްޕީ އަދި ބޮބީ ޑިއޯލް ފަދަ ތަރިން ހިމެނެ އެވެ. މާދަމާ ބާއްވާ 65 ވަނަ ފިލްމުފެއާ އެވޯޑްސްގައި މި ފިލްމު 16 ކެޓަގަރީއަކުން ނޮމިނޭޓްވެފައިވެ އެވެ. އޭގެ ތެރޭގައި ރަންބީރަށް ލިބުނު މޮޅު އެކްޓަރުގެ ނޮމިނޭޝަން ވެސް ހިމެނެ އެވެ.
"އެނިމަލް" ގެ ދެވަނަ ބައެއް ވެސް ގެނެސްދޭން އޮތީ ނިންމައިފަ އެވެ. އޭގެ ނަމަކީ "އެނިމަލް ޕާކް" އެވެ.