ޓޮބްލެރޯން މިލްކް ޗޮކްލެޓް ނުވިއްކަން އަންގައިފި
ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޓޮބްލެރޯން ޗޮކްލެޓް ރާއްޖެ އެތެރެކޮށްފައިވާތީ، އެ ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)ން އަންގައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ، ސްވިޓްޒަލެންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކުގެ ދެ ވައްތަރެއްގެ ޗޮކްލެޓު އެތެރެވެފައި ވާކަމަށް، ޔޫރަޕްގެ ރެޕިޑް އެންޑް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އަންގާފައި ވާކަމަށެވެ.
ޗޮކްލެޓް އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާ ހެދި ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ، އެ އުފެއްދުމުގެ ސަބަބުން ކަރުގައި ޕްލާސްޓިކް ކޮޅެއް ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުންފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮވެދާނެކަމަށް އެ ފަރާތުން ފާހަގަކޮށްފައި ވާކަމަށް އެމްއެފްޑީއޭން ބުނެއެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން، ހަ ލޭބަލެއްގައިވާ ޓޮބްލެރޯން މިލްކް ޗޮކްލެޓް އެތެރެނުކުރުމަށާއި ނުވިއްކުމަށް ވަނީ އަންގާފައެވެ.
މައްސަލަ ދިމާވި ޓޮބްލެރޯން މިލްކް ހަނީ އެންޑް އާމަންޑުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 1، 2024ގައެވެ. މި ޗޮކްލެޓްތައް އުފެއްދާފައިވަނީ ސެޕްޓެމްބަރު 1، 2023ގައެވެ.