އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ހޯދާނެ: ރައީސް ޞާލިޙު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބޭ މަންޒަރު ފެންނަމުންދާ ކަމަށް އެ ޕާޓީގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޞާލިޙު ވިދާޅުވީ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ނެގުން ކަމަށާއި އެ މަންޒަރު ފެންނަމުންދާ ކަމަށެވެ. ޕްރައިމަރީ ނިމުމާއެކު ކެމްޕޭން ލޯންޗިން އޮންނާނެ ކަމަށާއި އެއަށްފަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކުރިއެކޭވެސް އެގޮތަށް އެމްޑީޕީން ދަތުރުތައް ކުރާނެ ކަމަށް ޞާލިޙު ވިދާޅުވި އެވެ.
"އެމްޑީޕީއަކީ އަބަދުވެސް ވަރަށް ރަނގަޅަށް އިންތިޒާމްވެގެން ކެމްޕޭނު ކުރާ ބައެއް. މިފަހަރުގެ އިންތިޚާބުގައި ވެސް އަޅުގަނޑުމެން އެގޮތަށް އިންތިޒާމްތައް ރާވަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދެންނެވިހެން ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިގެންދާނެ،" ސޯލިހު ވިދާޅުވި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދަނީ. ފޮޓޯ: އެމްޑީޕީ
މިއަދުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކުން މޮޅުވާ ކެންޑިޑޭޓާއެކު ކުރިއަށް ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސިޔާސީ ކަންކަމުގައި އަބަދު މޮޅު ނުވާނެ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ. އަދި މަޖިލިސް އިންތިހާބަށް އެމްޑީޕީ ނިކުންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއަކަށެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރެ އެވެ. މިއަދުގެ ޕްރައިމަރީގައި އެ ޕާޓީގެ 25،325 މެންބަރަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.
ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ މަޖިލިސް ޓިކެޓް 48 ބޭފުޅަކަށް ވަނީ ކަށަވަރުވެފަ އެވެ.
މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 17 ގަ އެވެ.