ވެރިކަމުގެ ދެ ވަނަ ދައުރަކަށް "އުފާވެރި، އަމާންރާއްޖެ" ސްލޯގަންއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭން ފައްޓަވައި މިއަދު ށ. އަތޮޅަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު ކެމްޕޭން ފެއްޓެވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ހަދާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގަ އެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތުގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އަލަށް ކޯލިޝަނާ ގުޅިވަޑައިގަތް އެމްޑިއޭގެ ލީޑަރު، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވެސް ދަތުރުގައި ބައިވެރިވެވަޑައިގަތެވެ.
ރައީސްގެ ކެމްޕޭން ށ. އަތޮޅުން ފެއްޓެވި އިރު، އެންމެ ފުރަތަމަ ވަޑައިގަތީ ކޮމަންޑުއަށެވެ. މި ރަށުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެ ވަނަ ދައުރެއްގެ އަމާޒު ސާފުކޮށްދެއްވަން ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
އޭގެ ފަހުން މި އަތޮޅު މަރޮއްޓާއި ނޫމަރާގެ އިތުރުން ފޯކައިދުއަށް ވަޑައިގަންނަވާނެ އެވެ. އެއް ދުވަހުގެ މި ދަތުރުފުޅުގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ދެން އޮތީ ފޯކައިދޫގަ އެވެ.
މި ރަށްތައް ހިމެނޭ ކޮމަންޑޫ ދާއިރާއަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ދާއިރާއެކެވެ. އެ އިންތިހާބުގެ ދުވަސްވަރު މި ދާއިރާއަށް ސަރުކާރުން ގިނަ ވައުދުތަކެއްވެފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުން ހުށަހެޅި ގޮތަށް ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހިމެނެ އެވެ.