ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހުޅުވާލައިފި
ހުސްވެފައިވާ ބާ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ބާ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް ކުއްލިގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.
ބާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކައުންސިލުގެ ރައީސްގެ އިތުރުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، އަންނަ މަހުގެ 17ގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ބާ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ބާ ކައުންސިލަށެވެ. މި ތަކެތި ބަލައިގަންނާނީ 18 ފެބްރުއަރީ އިން ފެށިގެން 22 ފެބްރުއަރީ ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށެވެ.
އެ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާ މީހަކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ. އަދިޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމާއި ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެ އެވެ.