05 ފެބްރުއަރީ 2025

Advertisement

ޑިފެންސް މިނިސްޓަރ އިންޑިއަށް ވަޑައިގެންފި

08 ޖެނުއަރީ 2025

ޑިފެންސް މިނިސްޓަރު ގައްސާމް މައުމޫން އިންޑިއާ އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ގައްސާން އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިނިސްޓަރު އިންޑިއާ އަށް ވަޑައިގެންފައި މި ވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބީޓް ދުއްވުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި އިންޑިއާ ސިފައިން މި ސަރުކާރުން މިދިޔަ އަހަރު ފޮނުވާލާފައި ވަނިކޮށެވެ. އަދި އޭގެ ބަދަލުގައި މިހާރު ރާއްޖޭގައި ތިބީ އިންޑިއާގެ މަދަނީންތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި ކުރީގެ ސަރުކާރުގެ ދުވަސްވަރު "އިންޑިއާ އައުޓް" ގެ ނަމުގައި، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދިޔަ ކެމްޕޭންގައި ގައްސާނަކީ ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

Advertisement

ގައްސާން ތިން ދުވަހަށް އިންޑިއާ އަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ ޑިފެންސް މިނިސްޓްރު ރަޖްނާތުއާ މިއަދު ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ.

އެ ބައްދަލުވުމުގައި ތަމްރީނާއި ޖޮއިންޓް އެކްސަސައިޒްތަކާއި، ދިފާއީ މަޝްރޫއުތައް އަދި ވޯކްޝޮޕްތަކުގެ އިތުރުން ރާއްޖޭގެ ގައުމީ ދިފާއީ ބާރު ހަރުދަނާ ކުރުމަށް ބޭނުންވާ ދިފާއީ އާލާތްތައް ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާއިން ބުނެ އެވެ.

Advertisement

ކޮމެންޓް