މޯލްޑިވިއަންގެ ދަތުރުތައް ޕާކިސްތާނަށް ފަށަނީ
މޯލްޑިވިއަންގެ ދަތުރުތައް ޕާކިސްތާނަށް ފަށަން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި އިއްޔެ ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް އެވެ. އެ ގައުމަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަކަން އިއުލާނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަނިކުފާނު ވިދާޅުވީ ވިޔަފާރި އާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، މޯލްޑިވިއަން މެދުވެރިކޮށް މާލެ އާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
ރައީސްގެ ދަތުރުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމާއި ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިންގެ ދަތުރުތައް ޕާކިސްތާނަށް ފަށަން ނިންމި އިރު، އެ ގައުމުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމާފައިވާކަން މިދިޔަ މަހުގެ ތެރޭގައި އިއުލާންކޮށްފައިވެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.
މޯލްޑިވިއަނުން މިހާރު ދަތުރުތައް ބާއްވާ ގައުމުތަކަކީ އިންޑިއާ، ބަންގްލަދޭޝް، ޗައިނާ އަދި އޮސްޓްރޭލިއާ އެވެ.