ފުޅި އާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލަށް ބަދަލެއް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މާލެ ސަރަހައްދުގައި ހިންގާ ޕެޓްރޯލް ޝެޑުތަކުން ފުޅި އާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލަށް ބަދަލު ގެނެސްފި އެވެ.
މި އުސޫލަށް އަމަލުކުރަން ފަށާނީ މިއަހަރުގެ ފެބްރުއަރީ މަހު އެއްވަނަ ދުވަހުން ފެށިގެން ކަމަށް އެފްއެސްއެމް އިން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
ފުޅި އާއި ހަމަށް ތެޔޮ އަޅައިދޭ އުސޫލަށް ގެނައި ބަދަލުގެ ދަށުން ކަސްޓަމަރަކަށް ދުވާލަކު ދޫކުރަން ނިންމާފައިވަނީ ފުޅީގައި ނަމަ 3 ލީޓަރެވެ. ފުޅިއަށް ތެޔޮ އަޅައިދިނުމަށް ނިންމާފައިވަނީ ކަސްޓަމަރުގެ އައިޑީ ކާޑު ދެއްކުމުންނެވެ.
ހަމަށް ތެޔޮ އަޅައިދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކު 80 ލީޓަރެވެ. ހަމަށް ތެޔޮ އަޅަން ބޭނުންވާނަމަ ޑިންގީ އަދި ލޯންޗުގެ ރަޖިސްޓްރީ ދައްކަންޖެހޭނެ ކަމަށް އެފްއެސްއެމް އިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
އެފްއެސްއެމް އިން ބުނީ އުސޫލަށް ބަދަލު ގެނައީ ސަލާމަތީ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ހިދުމަތް އަވަހަށް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.