އެފްއޭއެމް ޓާފް 1ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލޭގައި ފުޓުބޯޅަ ކުޅުމަށް އެންމެ ގިނައިން ބޭނުންކުރާ މި ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ.
މިމަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމުމަށް ރާވާފައިވާއިރު، މިމަޝްރޫޢަށް ބޭނުންވާނެ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިންނެވެ.
މިދަނޑުގެ ޓާފްގެ މައްސަލައަކީ ޒަމާންވީ މައްސަލައަކަށްވާއިރު، މިކަމަށް މީގެ ކުރިން ހައްލެއް ލިބިފައިނެތުމަކީ ދަނޑު ބޭނުންކުރަމުންދާ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެކެވެ. އެންމެ ފަހުން މި ދަނޑުގެ ޓާފް ބަދަލުކޮށްފައިވަނީ މީގެ 12 އަހަރުކުރިން 2014 ވަނަ އަހަރުއެވެ.
ޒަމާންވީ މިމައްސަލައަށް ހައްލެއް ނުލިބި ދިގުލާ ދިއުމާ ގުޅިގެން ދަނޑު ބޭނުންކުރާ ފަރާތްތަކަށް ގިނަގުނަ އުނދަގޫތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން އަލަށް މިފެށުނު މަޝްރޫއުވެގެންދާނީ ދަނޑު ބޭނުންކުރާ ފަރާތްތަކުގެ ޒަމާންވީ ޝަކުވާތަކަކަށް ލިބިގެންދާނެ ހައްލަކަށެވެ.