ކާފަ ދަރިޔާ ބެހުނު މީހާ މަރުވެއްޖެ
ދެއަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައި ހުރި އެކުއްޖާގެ ކާފަ މަރުވެއްޖެއެވެ.
ކަރެކްޝަނަލް ސާވިސަސްއިން ވިދާޅުވީ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) މަރުވެފައި ވަނީ ރޭގެ ވަގުތެއްގައި ހުޅުމާލޭ ޖަލުގައެވެ. އޭނާ ހޭލާ ހުއްޓައި ކުއްލިއަކަށް ވެއްޓުމުން، މެޑިކަލް ޓީމުން ފަރުވާދިނުމަށްފަހު، ހާލަތު ސީރިއަސްވުމާއެކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނެވެ. މެންދަމުގެ 2:40 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައެވެ.
އިބްރާހިމް ދީދީއަކީ ހައި ބްލަޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް ފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާގެ މަރާ ގުޅިގެން އާއިލާއަށާއި، ކަމާބެހޭ އިދާރާތަކަށް، އެކަން އަންގާފައިވާކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.
މި މައްސަލައިގައި ދެން ހުކުމް އިއްވި އިބްރާހިމް ދީދީގެ އިތުރުން އެ ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ (85 އަހަރު) ވެސް އުމުރު ދުވަހުގެ ޙުކުމެއްގައި ހުއްޓައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަރުވެފައެވެ. ހަސަން މޫސާ ދީދީއަކީ މަރުވިއިރު މުސްކުޅި ބައްޔެއްގެ ސަބަބުން އެނދުމަތިވެފައި އޮތް މީހެކެވެ.
މިދެބަފައިން އެމީހުންގެ ދެއަހަރުގެ ކާފަދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވީ 2020 ވަނަ އަހަރު އެވެ.