އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ބަހާނީ މިފްކޯގެ ފިހާރަތަކުން
ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ބަހަމުން އަންނަ މަސްދަޅުކޭސްތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނީ ހަމައެކަނި މިފްކޯގެ ފިހާރަތަކުން ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކްވޯކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތަށް ނިންމުމާ ގުޅިގެން، މާރޗް 11 ވާ އަންގާރަ ދުވަހުން ފެށިގެން މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި މަސްދަޅުކޭސް ދޫކުރުން ކުރިޔަށްދާނެއެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، މަސްދަޅު ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންނެވެ. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން މަސްދަޅު ބެހުން ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގައި މިހާތަނަށް 48،000 މަސްކޭސް ވަނީ ދޫކުރެވިފައެވެ.