މޫނު ބުރުގާ އަޅައިގެން ފިރިހެނަކު ގަޑިއެއް ވަގަށްނަގައިފި
ފިރިހެނަކު މޫނު ބުރުގާ އަޅައިގެން މާލޭގެ ފިހާރައަކަށް ވަދެ، 67،500 ރ. ގެ ގަޑިއެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އައްޑޫ ހުޅުދޫ، އަބުލަޣީގެ މުހައްމަދު ސިމާދު، 47، އެވެ.
އޭނަގެ މައްޗަށް ފުލުހުން ކުރަނީ 67،500ރ. ގެ އަގުހުރި "އޮމެގާ" ބްރޭންޑްގެ ގަޑިއެއް ވަގަށް ނެގިކަމުގެ ތުހުމަތެވެ. ކޯޓުގައި ފުލުހުން ބުނެފައި ވަނީ ގަޑި ވަގަށް ނެގީ ތިން މީހަކު ގުޅިގެން ކަމަށެވެ.
ސިމާދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހައިފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން ފިހާރަ އިން ވައްކަންކުރީ ސިމާދު ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ވަދެ އެވެ.