ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާ
ކުޅުދުއްފުށީ ސިޓީގެ ކޮންމެ ސްކޫލަކަށް، އެސިޓީގެ ކައުންސިލުން މިއަހަރުވެސް އެއްލައްކަ ރުފިޔާގެ އެހީ ދީފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އެސިޓީގައި ކިޔަވައިދޭ ސަރުކާރު ތިން ސްކޫލަށް މިއަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާކަމަށެވެ. މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާ ލިބިގެންދާނެކަމަށް އެކައުންސިލުން ބުނެއެވެ.
މި ގްރާންޓްގެ ދަށުން، މިދިޔަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދޫކޮށްފައި ވެއެވެ.
ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްގީއަށް ފަންޑު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިމަކީވެސް މި ގްރާންޓުގެ މަގްސަދެކެވެ.
ކުޅުދުއްފުށީގައި ކިޔަވައިދޭ ސަރުކާރު ސްކޫލްތަކަކީ، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޖަލާލުއްދިން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލެވެ.