16 ނޮވެމްބަރު 2025

Advertisement

ސިނގިރޭޓް ވަގަށް ނެގި މައްސަލައިގަ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

16 ނޮވެމްބަރު 2025

ހުޅުމާލޭ އެމްޕީއެލް ބަނދަރުން ސިނގިރޭޓް ވަގަށްނެގި މައްސަލައިގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. މި މައްސަލައަކީ، ވަގަށް ރާއްޖެ އެތެރެކުރުމުން މިދިޔަ އޭޕްރީލް މަހު ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 1،360 ކޭސް ސިނގިރޭޓު ހިމެނޭ ދެ ކޮންޓެއިނަރު އެ ބަނދަރުން ވަގަށް ބޭރުކުރި މައްސަލައެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 10 ވަނަ މީހަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އަލަމިން މިއާ، 36، ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ. މުހައްމަދު އަލަމިން މިއާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ބޮޑު ވައްކަމާ ގުޅިގެން މިހާތަނަށް ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި، ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓެ)ގެ އިތުރުން، ކަސްޓަމްސްގައި ކުރިން މަސައްކަތްކޮށް މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒު އަލީއެވެ. އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި، އެޕޯލޯގެ މުވައްޒަފެއް ކަމަށްވާ ހަސަން އަބްދުއްރަހްމާން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

Advertisement

މީގެ އިތުރުން ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި އަދި އެޕޯލޯގެ މުވައްޒަފެއް ކަމަށްވާ އާދަމް ވަހީދު އާއި، އެމްޕީއެލްގެ ތިން މުވައްޒަފުން ކަމަށްވާ އަހްމަދު ޝަހީމް، ހުސެން ސާމިހު، އަދި އަހުމަދު ފިރުސާން ވެސް މި މައްސަލާގައި ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން، އަހުމަދު އާރިފް (އާއްޓެ)، މުއާޒް އަލީ، ޒިވާރު އިސްމާއިލް، އަހުމަދު ފިރުޝާން، އާދަމް ވަހީދު، އަދި މުހައްމަދު ވަހީދު (ދިގަލި) ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ހައްޔަރުކޮށްފައިވާ ބައެއް މީހުން ވަނީ އެމީހުންގެ މައްޗަށް ތުހުމަތު ކުރާ ކުށްތަކަށް އިއުތިރާފުވެ، ތަހްގީގަށް އެއްބާރުލުންދޭން ފަށާފައި ކަމަށް ވެއެވެ. ނަމަވެސް މައްސަލައިގެ ތަހްގީގާއި ގުޅޭ ތަފްސީލްތައް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

Advertisement

ކޮމެންޓް