އީފާސްގެ އައު ވަރޝަނެއް ތަޢާރަފްކުރަނީ
އީފާހުގެ އާ ވާޝަނެއް މި އަހަރު ނެރެން ނިންމައިފި އެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އާ ވާޝަންގެ މަސައްކަތްތައް ނިމި މި އަހަރުގެ މެދެއްހާ ހިސާބުގައި ދެވަނަ ވާޝަން ނެރެވޭނެ ކަމަށެވެ.
"އީފާސްގެ ދެވަނަ ވާޝަން އަޅުގަނޑުމެން މި ނެރެނީ ވަރަށް އެޑްވާންސް ފީޗާސްތަކަކާއެކީ. އީފާސް އަކީ ވަރަށް ގިނަ މީހުން ބޭނުންކުރާ އެއްޗެއް. މިހާރު އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސް ދައްކާގޮތުން 2،072،000 އަށް ވުރެ ގިނަ ފަރާތްތަކުން ދަނީ އީފާސް ބޭނުންކުރަމުން،" އޭނަ ވިދާޅުވި އެވެ. "މި ޔޫޒާސްތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭ. އެހެން ނަަމަވެސް މިހާރު އަޅުގަނޑުމެން ގަސްދުކޮށްފަ ހުންނާނީ އިފާސްގެ ދެވަނަ ވާޝަންގައި 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް އަދި ބެލެނިވެރިންނަށް ވަދެވޭގޮތަށް. އަޅުގަނޑުމެން ބޭނުންވަނީ އީފާސް ބޭނުންކުރާ މީހުން އިތުުރުވުން."
ކިނާނަތު ވިދާޅުވީ އާ ބަދަލާއެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމަށެވެ.
އަދި މި އަހަރުގެ މެދުތެރޭގައި ނެރޭ އާ ވާޝަންގހެ އިތުރުން، ކުރިއަށް އޮތް ތަނުގައި ވެސް ތަފާތު ފީޗާސްތަކާއެކު އިތުރު ވާޝަންތައް ނެރެމުން ދާނެ ކަމަށް ވިދާޅުވި އެވެ.
އީފާސްއަކީ 2012 އިން ފެށިގެން ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ.