މަސްވެރިންނަށް 13.8 މިލިޔަން ރުފިޔާ ދޫކޮށްފި
މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް މަސްވެރިންނަށް 13.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސްގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް މަސްވެރިންނަށް މުޅި ޖުމްލަ 13،894،956.88 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެެވެ.
މި ނިމުނު 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިންމު ނިންމެވުންތަކެއް ނިންމާ، އެ ނިންމުންތައް ތަންފީޒު ކުރަން ފެށި އަހަރެކެވެ. މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.