މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 14 ގައި ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
މަޖިލިސް އިންތިޚާބުގެ ތާރީޚުތަކަށް ބަދަލުތައް އައުމުން އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށް އިލެކްޝަންސް ކޮމިޝަން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚަކީ މިމަހުގެ 17 އެވެ. އެހެންނަމަވެސް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން މި ތާރީޚަށް ވަނީ ބަދަލު އައިސްފައެވެ. މިހާރު އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ނިންމަވާފައިވަނީ އޭޕްރިލް މަހުގެ 21 އެވެ.
ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ 21 އޭޕްރީލްގައި އިންތިޚާބު ބޭއްވުމަށް ނިންމުމާއެކު އަލަށް 560 ފަރާތަކަށް 18 އަހަރު ފުރި ވޯޓުލުމުގެ ޙައްޤު ލިބޭ ކަމަށެވެ. އެހެންކަމުން މި ފަރާތްތަށް ވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތެއް ދިނުމުގެ ގޮތުން މިމަހުގެ 14 ގައި ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލުމަށް ނިންމާފައިވާކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ޙަސަން ޒަކަރިއްޔާ ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް 3 ދުވަހުގެ މުއްދަތެއް ދޭނެކަމަށާއި ހުރިހާ ފަރާތްތަކަށްވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި މިފަހަރު ރީ-ރަޖިސްޓްރީވުމަށް ކުރު މުއްދަތެއް ދޭން ނިންމީ މީގެ ކުރިން 7 ދުވަހުގެ މުއްދަތަކަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން ލިބުނު ތަރުހީބު ކުޑަވުމުން ކަމަށެވެ.
"އަލަށް އިތުރު 560 ފަރާތަކަށް އިންތިޚާބުގައި ވޯޓުލެވޭ. މި ފަރާތްތަކާ ވެސް އެއްކޮށް ޢާންމުކޮށް އަނެއްކާވެސް ރީ-ރަޖިސްޓްރީވުމަށް މިމަހުގެ 14ގައި ކޮމިޝަނުން ހުޅުވާލާނެ. މިފަހަރު ދޭނީ 3 ދުވަހުގެ މުއްދަތެއް." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ހަސަން ޒަކަރިއްޔާ ވިދާޅުވީ އަލަށް ވޯޓުލުމުގެ ޙައްޤު ލިބުނު 560 ފަރާތުގެ ވޯޓަރސް ލިސްޓަށް ޝަކުވާއަށް މާދަމާ ހުޅުވާލާނެ ކަމަށެވެ. އަދި މިމަހުގެ 7 އަކާއި ހަމައަށް 3 ދުވަހުގެ މުއްދަތެއް ޝަކުވާ ހުށައެޅުމަށް ދޭނެކަމަށް ވިދާޅުވިއެވެ. އަދި މިމަހުގެ 14ގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލަނީ ޝަކުވާއަށް ރިޢާޔަތްކުރުމަށްފަހު 560 ފަރާތުގެ ލިސްޓާއެކު ފައިނަލް ވޯޓަރސް ލިސްޓު އަލުން ގެޒެޓުގައި ޝާޢިރުކުރުމަށްފަހުގައިކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ ސްރީލަންކާއާއި މެލޭޝިޔާގައެވެ. އިލެކްޝަނުން ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދު ކަމަށްވާ 150 މީހުން ރަަޖިސްޓްރީވެފައިވަނީ އެ ދެ ޤައުމަށް އެކަނި ކަމަށެވެ.
ޙަސަން ޒަކަރިއްޔާ ވިދާޅުވީ ރީ-ރަޖިސްޓަރވުމަށް ހުޅުވާލާ ފުރުޞަތުގައި އެހެން ޤައުމަކަށް ވެސް 150 މީހުން ރަޖިސްޓްރީވެއްޖެނަމަ އެ ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަނީ 93 ދާއިރާއަކަށެވެ. މިފަހަރުގެ އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެއެވެ.