22 ނޮވެމްބަރު 2024

Advertisement

ރައީސަށް ލިބޭނީ ލަދުގަންނަން ޖެހޭ އަދަދުގެ ވޯޓު: ނަޝީދު

30 ޖުލައި 2023
-

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަންނަވާނީ ލަދުގަންނަންޖެހޭ އަދަދެއްގެ ވޯޓު ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު ފަހަތުގައި ހުންނަވައިގެން އުފެއްދެވި ދަ ދިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ކެމްޕޭނަށް އައްޑުއަށް ވަޑައިގެން ރޭ ފޭދޫގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ބައިބައިވެ، ނިކަމެތިވީ ފާއިތުވި ފަސް އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލު ކުރެއްވި ގޮތުން ކަމަށެވެ.

އެމްޑީޕީގައި އޭރު އޮތް ރޫހާއި ޖޯޝު މިހާރު ޑިމޮކްރެޓްސްގެ ތެރެއިން ފެންނަމުންދިޔަ ނަމަވެސް، ނަޝީދު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

Advertisement

"އަޅުގަނޑަށް ފެންނަ ތަނުގައި މި އިންތިޚާބު ދެވަނަ ބުރަކަށް ފުރޮޅިގެންދާނެ. އަދި ދެވަނަ ބުރުގައި އިލްޔާސް ލަބީބް ހިމެނޭނެކަމީ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ހިނގާ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މި އިންތިޚާބުގައި އެމްޑީޕީއަށް ލިބޭނީ ކުރިން އަންދާޒާ ކުރެއްވި ވަރަށް ވުރެން ވެސް މަދު ވޯޓު ކޮޅެކެވެ.

"އަޅުގަނޑަށް ކުރިން ހީކުރެވިފައިއޮތީ، ލަދުނުގަންނަ އަދަދެއްގެ ވޯޓު އެ ބޭފުޅުން [އެމްޑީޕީ] ހޯއްދަވާނެ ކަމަށް. އެހެން ނަމަވެސް މިހާރު އެތަނެއް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހާރު ކުރައްވާ އަންދާޒާ އެމަނިކުފާނު ނެންގެވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރު ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދަށް ލިބިވަޑައިގެންނެވި ފަސް ޕަސަންޓުގެ ނަތީޖާއިންނެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ބޭފުޅުން ތިއްބަވާއިރު، ރައްޔިތުން ބޭރަށް ދައްކާ ދެއްކުމާއި، އަމަލުތައް ބަހައްޓައި ގޮތްތައް ތަފާތުވާ ކަަމަށެވެ. މިގޮތުން، ވެރިމީހާއާ މެދު ހިތް ނުރުހޭ ކަންތައްތަކުގެ ވާހަކަ ރައްޔިތުން އާންމުކޮށް ފާޅުގައި ނުދައްކާ ކަމަށް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް