ސްޓީފަން ހޯކިންގ
ބްރިޓިޝް ފިޒިސިސްޓެއް ކަމުގައިވާ ސްޓީފަން ހޯކިންގއަކީ ސްޕޭސް އަދި ވަގުތާ ބެހޭގޮތުން އޭނާ ޝާޢިއުކޮށްފައިވާ ލިޔުންތަކާއެކު މަޝްހޫރުވެގެންދިޔަ، ފާހަގަކޮށްލެވޭ ސައިންސްވެރިއެކެވެ. ކޮމްޕިއުޓަރުން ސްޓިމިއުލޭޓްކޮށްފައިވާ ސްޓީފަން ހޯކިންގގެ އަޑަކީ، ޓީވީތަކުން ދައްކާ އެތަކެއް ސައިންސް ޕްރޮގްރާމަކުން އިވިގެންދާ އަޑެކެވެ. އަދި މިއީ ފަހުގެ ސައިންޓިސްޓުންގެ ތެރެއިން އެންމެ މަޤްބޫލު ސައިންޓިސްޓު ވެސް މެއެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑަށް އުފަން ހޯކިންގ ތަޢުލީމު ހާސިލުކުރީ ކެމްބްރިޖު ޔުނިވަރސިޓީގައެވެ. 1962 ވަނަ އަހަރު ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ކެމްބްރިޖު ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ މަޤާމުގައި ހޯކިންގ ވަޒީފާ އަދާކުރަން ފެށިއިރު، 1979 ވަނަ އަހަރު އޭނާ ވަނީ އެ ޔުނިވަރސިޓީގެ ލުކޭސިއަން ޕްރޮފެސަރ އޮފް މެތަމެޓިކްސްގެ މަޤާމަށް ހަމަޖައްސާފައެވެ. މިއީ އައިސަކް ނިއުޓަން ވެސް ފުރުއްވި މަޤާމެކެވެ.
ހޯކިންގއަކީ ނާރުތައް ޕެރެލައިޒްކުރާ ބައްޔެއް ކަމުގައިވާ އަމިޔޮޓްރޮފިކް ލެޓަރަލް ސްކަލްރޯސިސް ބަލި ތަހައްމަލު ކުރަމުންދިޔަ މީހެކެވެ. މި ބަލީގެ ސަބަބުން ކަރަންޓު ގޮނޑިއެއްގައި ހެލިފެލިވެ އުޅެން ޖެހިފައިވި ހޯކިންގއަށް ގުޑުވާލެވެނީ އަތާއި މޫނުގެ މަދު މަސްތަކެކެވެ. މި ބައްޔާ ހެދި ވާހަކަ ދެއްކުމުން މަޚުރޫމުވި ހޯކިންގ މީހުންނާ މުއާސަލާތުކޮށް އުޅުނީ ކޮމްޕިއުޓަރުން ސްޓިމިއުލޭޓްކޮށްފައިވާ އަޑެއްގެ އެހީގައެވެ.
ހޯކިންގ ޝާއިޢުކުރި ފޮތެއްކަމުގައިވާ "އަ ބްރީފް ހިސްޓަރީ އޮފް ޓައިމް" ގައި ސްޕޭސް، ޓައިމް، އަދި ބިގްބޭންގއަށް ފަހު މި ކާއިނާތުގައި ހިނގައިދިޔަ ކަންތަކާ ބެހޭގޮތުން އޭނާގެ ޚިޔާލުތައް ފާޅުކޮށްފައިވެއެވެ. މިއީ 20 ވަނަ ޤަރުނު ތެރޭގައި އެންމެ ގިނައިން ވިކުނު އެއް ސައިންސް ފޮތެވެ. ގްރެވިޓީ ދިރާސާ ކުރުމުގައި ހޯކިންގ ކޮށްފައިވާ މަސައްކަތްތަކަކީ އައިންސްޓައިންއަށް ފަހު އެންމެ ފާހަގަ ކޮށްލެވޭ، އެންމެ މުހިންމު މަސައްކަތްތަކެވެ.
ބްލެކް ހޯލްސްގެ ޚިޔާލު އެންމެ ފުޅާ ގޮތެއްގައި ދިރާސާކޮށްފައިވަނީ ހޯކިންގއެވެ. ބްލެކް ހޯލްސްއަކީ ކާއިނާތު ތެރޭ އެކި ތަންތާގައިވާ، ގްރެވިޓީގެ ބާރު ނުހަނު ގަދަވުމާއެކު، އޭގެ ތެރެއަށް އަލިކަން ވެސް ދަމައިގެންދާ އެއްޗެހިތަކެކެވެ.
އުމުރުން 76 އަހަރުގައި، 14 މާރިޗު 2018 ގައި ސްޓީފަން ހޯކިންގ މި ދުނިޔެ ދޫކޮށް ދިޔައިރު، އޭނާގެ ތިން ދަރިންނާއި ތިން ކާފަ ދަރިން ދުނިޔޭގައި ތިއްބެވެ.