ވެރިކަމުގެ މި ފަސް އަހަރަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފުވައްމުލަކަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ އަނެއްކާވެސް މަތި މައްޗަށް އެތައް ވައުދެއް ވެވަޑައިގެންފިއެވެ.
ރައީސް އިބްރާހިމް މިފަދައިން ވައުދުތަކެއް ވެލެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ މިރޭ އެ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަށް ހާހާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ފުވައްމުލަކު ސިޓީއަށް މި ދައުރަށް މި ސަރުކާރުން ތަރައްގީގެ 42 މަޝްރޫއު އިއުލާންކޮށްފައި އެބަ އޮތެވެ. އޭގެ ތެރެއިން އަދި ނިމުނީ ވަރަށް މަދު މަޝްރޫއެކެވެ.
ރައީސް އިބްރާޙިމް މިރޭ ފުވައްމުލަކުގައި ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ވައުދުތަކުގެ ތެރެއިން ނުނިމި ހުރި ބައެއް ވައުދުތަކުގެ އިތުރަށް ބައިވަރު އެހެން ވައުދުތައްވެސް ވެވަޑައިގެންފައެވެ.
އެގޮތުން ރައިސް އިބްރާހިމް ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުން އެންމެ ފުރަތަމަވެސް ބޭނުންވީ އެރަށުގެ މަގުތައް ހަދާ ގިރާ ސަރަހައްދު ހިމާޔަތްކުރަންކަމަށާއި އެ ރަށުގައި އޮތް ނަރުދަމާ އޭރު އަޅާ ނިމިފައި އޮތަސް އޭގެ ރަނގަޅަށް ބޭނުން ނުކުރެވޭ މައްސަލަ ހައްލުކުރަން ވެސް ބޭނުންވެފައިވާކަމަށެވެ.
ރައީސް އިބްރާހިމް ވިދާޅުވީ ފުވައްމުލަކު ރައްޔިތުންގެ އެ އަޑު މި ސަރުކާރުން އެހިކަމަށާއި ފުރަތަމަ ދުވަހުވެސް އެ މަސައްކަތްތައް ފަށައިގެންފައިވާކަމަށެވެ. އެގޮތުން މިހާތަނަށް އެ ސިޓީގެ 19.7 ކިލޯމީޓަރުގެ މަގު ހަދާ ނިމިފައިވާކަމަށާއި އެ މަސައްކަތް މި ސަރުކާރުން ނިންމާނީ އެ ރަށުގެ ހަދަން ޖެހޭ ހުރިހާ މަގެއް ހަދާ ނިންމާފައިކަމަށްވެސް ރައީސް އިބްރާހިމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށްވެސް ހައްލެއް ގެނެވެމުން އަންނަކަމަށް ރައީސް އިބްރާހިމް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު އިތުރަށް ވދާޅުވީ އެ ސިޓީގައި ބަނދަރެއް އެބަ އޮތްކަމަށާއި އެއާޕޯޓެއްވެސް އެބަ އޮތްކަމަށާއި 2003 ވަނަ އަހަރު ދެ ކިލޯމީޓަރުގެ މަގުވެސް ހެދިފައިވާކަމަށެވެ. އެހެން ނަމަވެސް މިއަދު މިވަނީ އެކަންތައްތައް އިތުރަށް ތަރައްގީ ކުރަން ޖެހިފައިކަމަށާއި އެރަށުގެ ބަނދަރާއި އެއާޕޯޓް ކުޑަވެއްޖެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ކުރިއަށް މި އޮތް އަޅުގަނޑުމެންގެ ދައުރުގައި މި ރަށުގެ އެއާޕޯޓު އިތުރަށް ބޮޑު ކުރެވެން އޮތް ވަރެއް ބަލާ ދިރާސާ ކުރުމަށް ފަހުގައި މިހާރު އައިލެންޑް އޭވިއޭޝަނުގައި ގެންގުޅޭ އޭޓީއާރް ޖެއްސޭވަރުގެ މިރަށުގެ އެއާޕޯޓު ބޮޑުކޮށްދޭނަން" ރައީސް އިބްރާހިމް ވައުދުވެ ވަޑައިގެންނެވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެރަށުގައި އޮތް ބަދަރަކީ ޓެކްނިކަލީ އަދި އިންޖިނިއަރިންގައި ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށްފަހު އަޅާފައި އޮތް ބަނދަރެއްކަމަށާއި އެކަމުގައި އޭރުވެސް އުޅުއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ޕްލޭނިން މިނިސްޓަރު އަސްލަމް ހިމެނިވަޑައިގަންނަވާކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ މިރަށުގެ ބަނދަރު ބޮޑުކުރެވެން އޮތީ ކިހިނެއްތޯ ބަލާ އެކަން ކުރުން. މިހާރު އެ ދިރާސާތައް މިނިސްޓަރު އަސްލަމްގެ ލަފާފުޅުގެ ދަށުން ކުރަމުން އެބަ ގެންދޭ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި މިރަށުގައި އޮތް ބަނދަރު ބޮޑުވެގެންދާތަން ފެނިގެން ދާނެ" ރައީސް އިބްރާހިމް އިތުރު ވައުދެއް ވެވަޑައިގެންނެވިއެވެ.
ރައީސް އިބްރާހިމް ވިދާޅުވީ ފުވައްމުލަކުގައި މި ސަރުކާރުން ކުރަން ބޭނުންވި ބައެއް ކަންތައްތައް ދިމާވި ބައެއް ސަބަބުތަކާހެދީ ނުކުރެވިވާކަމަށެވެ. އެގޮތުން ސިންތެޓިކް ޓްރެކް، ސްޓޭޑިއަމް އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެމަނިކުފާނު ފާހަގކުރެއްވިއެވެ.
ރައީސް އިބްރާހިމް ވިދާޅުވީ އެކަންކަން ނުކުރެވުނު ނަމަވެސް އޭގެ ތެރެއިން ބައެއް ކަންކަން ހުރީ ޓެންޑަރ ޕްރޮސެސްގައިކަމަށެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް މިރޭ މި ޔަގީންކަން އަރުވަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް މި އޮތް ދައުރުގައި މިރަށުގައި އަޅަން ބޭނުންވާ ސިންތެޓިކް ޓްރެކާއި ޓޭޑިއަމާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ އިމާރާތް ކުރެވިގެން ދާނެ" މި ދައުރަށްވެސް ވެވަޑައިގެންނެވި ވައުތުތައް އަންނަ ދައުރުގައި ކުރައްވަން ރައީސް އިބްރާހިމް ވައުދުވެވަޑައިގެންނެވިއެވެ.
ރައީސް އިބްރާހިމް އިތުރަށް ވިދާޅުވީ ވަޒީފާގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުގެ ބައެއް އޮފީސްތަކުގެ ބެކް އޮފީސް ފުވައްމުލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިގެންފައިވާކަމަށާއި އޭގެ ހަތަރު ތަނެއް ގާއިމުކޮށް ނިންމާފައިވާކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ބައެއް އޮފިސްތަކުގެ މަސައްކަތް ފުވައްމުލަކަށް ބަދަލުކުރާނެކަމަށާއި މަލްޓި ޕާޕަސް އޮފީސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދޭނެކަމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.
ރައީސް އިބްރާހިމް ވިދާޅުވީ ފުވައްމުލަކު ސިޓީއަށް ބޭނުންވާ ކަންތައްތައް ކުރުމުގައި މި ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރުވެސް ދެމި ތިބޭނެކަމަށެވެ.