އަންނަ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޮއިކޮޓު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ނަމަވެސް، އެކަން އެ ގޮތަށް ނުކުރަން ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމި ނިންމުން ބަލައިނުގަންނަވާ ކަން އެމަނިކުފާނު އަންގަވައިފި އެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ވޯޓަށް އަހަން ޖެހުނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން، އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ޔާމީން ހަވާލުކުރެއްވި ނޯޓިސްގައި ވަނީ އެ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެހެންވެ، ސެނެޓްގައި ވޯޓަށް އެހީ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންނެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރެކެވެ.
އެކަމަކު ސެނެޓުގެ ނިންމުން ބަލައިނުގަންނަވާކަން، ޔާމީން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ފޮނުއްވި ނޯޓިސްއެއްގައި ވިދާޅުވެފައިވާ ކަން އެނގިފައި ވެ އެވެ.
ސެނެޓުގެ ނިންމުން ބަލައިނުގަންނަވާ ކަން އެންގެވުމާ އެކު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބައްދަލުވުމެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ބޭނުންފުޅުވި ނަމަވެސް އެ މަނިކުފާނަށް ފުރުސަތު ގެއްލޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީން ނެރޭނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ސެނެޓުން އޮތީ ފާސްކޮށްފަ އެވެ. މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަނޑައަޅަން ނިންމަވައިފަ އެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ މާދަމާގެ މެންދުރު 2 ޖަހާއިރެވެ.
ޕީޕީއެމް/ޕީއެންސީގެ އެންޑޯޒްމަންޓު ނުލިބުނަސް، މާދަމާ މުއިއްޒު ފޯމު ހުށަހަޅުއްވާނެ ކަމުގެ އަޑުތަކެއް ވެސް ދަނީ އިވެމުންނެވެ. އެކަމަކު އެކަމާ ގުޅޭގޮތުން މުއިއްޒު އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެ އެވެ.