އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހަމަވާއިރު، ކެންޑިޑެސީ ފޯމު ހުށަހަޅަން އެންމެ ފަހު ވަގުތަށް މަޑުނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ އިލްތިމާސްކޮށްފި އެވެ.
އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:00 އަށް ހަމަވާނެ އެވެ.
އިންތިޚާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
މީގެތެރެއިން، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައި، އެ އެޕްލިކޭޝަންގެ ޖަވާބު އީސީން ވަނީ ދީފަ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހު ވަގުތަށް މަޑުކޮށްގެން އެޕްލިކޭޝަންގައި މައްސަލައެއް އުޅޭނަމަ އެކަމެއް ރަނގަޅު ކޮށް އަލުން ހުށަހަޅާނެ ވަގުތު ނޯންނާނެ ކަމަށެވެ.
"އެންމެ ފަހު ވަގުތަށް މަޑުކުރައްވައިފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، މާދަމާގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ، ވަގުތު އޮއްވައި މާދަމާގެ އެޕްލިކޭޝަންތައް ހުށަހެޅުއްވުން އެދެން،" ހަބީބް ވިދާޅުވި އެވެ.
އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަދި ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.
މީގެއިތުރުން، ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ރޭހަށް ނެރެން ވަނީ ނިންމައިފަ އެވެ. ނަމަވެސް، ޔާމީންގެ ކެންޑިޑެސީ އީސީން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމުން، އިންތިޚާބު ބޮއިކޮޓު ކުރަން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
އެކަމަކު ޔާމީން އެހެން އެދިވަޑައިގެންނެވި ނަމަވެސް، އިންތިޚާބު ބޮއިކޮޓު ކުރަން ނުފެންނަ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓު ސެނެޓުގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.