މި ސަރުކާރުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށް، ގެދޮރުވެރިޔާގެ ސްކީމަށް ޝަރުތުހަމާ އެންމެންނަށް ފެލެޓު ދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ހަދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ފްލެޓުގެ ވަގުތީ ލިސްޓަށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި ދާއިމީ ލިސްޓް އިއުލާނުކުރުމުގެ ކުރިން، ވަގުތީ ލިސްޓްގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ މީހުންގެ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ހާލަތާގުޅޭ މައުލޫމާތު ސައްހަކަން ކަށަވަރުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންވެ، އެ މައުލޫމާތު ކަށަވަރުކުރުމުގައި މިނިސްޓްރީން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވަނީ އެދިފަ އެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.
އެ ފްލެޓުތައް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި ވަނީ ސަރުކާރުން ދިވެހި ސޮވެރިން ގެރެންޓީ ދީގެންނެވެ. އެއީ 116.45 މިލިއަން ޑޮލަރު އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.
ފްލެޓަށް އެދި ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.
މިނިސްޓްރީން ފްލެޓު ލިސްޓު އިއުލާންކުރީ، ދެ ކޮޓަރި އަދި ތިން ކޮޓަރީީގެ އެޕާޓްމަންޓް ލިބޭ މީހުން ވަކިންނެވެ. އެގޮތުން، އެ މީހުންގެ ނަމާއި ދާއިމީ އެޑްރެސް އަދި އެޕާޓްމަންޓުގައި ބައިވެރިވާ މީހުންގެ އަދަދު ވެސް ހިމަނާފައިވެ އެވެ. ފްލެޓަށް ޝަރުތުހަމަނުވާނަމަ ހަމަނުވި ސަބަބު ބުންޏަސް، އެއްވެސް މީހަކަށް ލިބުނު ޕޮއިންޓެއް ހާމައެއް ނުކުރެ އެވެ.