އދ. ދިއްދޫ ސްކޫލްގެ ކުދިން ކިޔަވަން ނުފޮނުވާ މައްސަލަ ބަލައިދޭން އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފި އެވެ.
އެ ސްކޫލް ސެޓަލައިޓް ސްކޫލަކަށް ބަދަލުކޮށް، 22 ކުއްޖަކާ އެކު ކިޔަވަން ހަމަޖައްސާފައިވީ ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔެވުން މިދިޔަ އާދިއްތަ ދުވަހު ފެށި ފަހުން ކިޔަވާކަށް ނުފޮނުވަ އެވެ.
ނަމަވެސް ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން އަބްދުﷲ އިއްޔެ ވިދާޅުވީ އެ ރަށު ސްކޫލުގެ ކިޔެވުން ނުފެށެނީ ފެނާއި ކަރަންޓުގެ ހިދުމަތް ނެތުމުން ކަމަށެވެ.
"އެތާނގައި ފެނެއް ނެތް، ކަރަންޓެއް ނެތް، ފާހަނާ ވެސް ނުނިމޭ. މިނިސްޓްރީން ބެލެނިވެރިން ކައިރީ މި ބުނަނީ ކުދިން އެތަނަށް ފޮނުވާށޭ. އެއްވެސް ބެލެނިވެރިއަކު ބޭނުމެއް ނުވޭ ސްކޫލް އެހެން ހުއްޓާ، އެ ކަންކަން ހައްލު ނުވަނީސް ފޮނުވާކަށް. "ބާވީސް ކުދިން އެ ތިބެނީ ރަށުގައި. ކިޔަވާކަށް ނުދޭ،" ޣައްސާން ވިދާޅުވި އެވެ.
"ދިއްދޫގެ ބައެއް ކުދިން ސްކޫލަށް ނުފޮނުވާ މައްސަލަ ބަލައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި އެދިފައިވޭ،" ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސްކޫލްގައި ކަރަންޓާއި ފެން ނެތުމަކީ މައިގަނޑު މައްސަލަ ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވާއިރު، ކުދިން ކިޔަވަން ނުފޮނުވާ މައްސަލަ ބަލައިދޭން އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ ކިބައިން އެދުނު ސަބަބެއް ނޭނގެ އެވެ. އެއްވެސް މައްސަލައެއް ނެތި ގަސްދުގައި ކުދިން ކިޔަވަން ނުފޮނުވަނީ ކަމެއް ނުވަތަ އެެހެން ކަމެއް ދިމާވީ ކަމެއް ސާފެއް ނޫނެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލާގައި ވާހަކައެއް ނުދައްކަ އެވެ.
ދިއްދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝާމިހު ވިދާޅުވި ގޮތުގައި، އަންނަ އާދިއްތަ ދުވަހު ދިއްދޫ ސްކޫލްގައި ކިޔެވުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.