އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުން އެކަމާ ނުރުހުންވެ ވަޑައިގެން އެ ޕާޓީން ވަކިވެވަޑައިގަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.
ޕީޕީއެމްގެ ސީނިއާ އެޑްވައިޒަރުކަމުގެ މަގާމު ވެސް އަދާކުރެއްވި ވަހީދު 10 އަހަރަށް ފަހު އިއްޔެ އެ ޕާޓީން އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ލިޔެކިޔުންތައް ތައްޔާރުކުރައްވައި އެކަމަށް ބޭނުންވާ ކުށުގެ ރެކޯޑް ވެސް ސާފުކުރައްވައި، އެންމެ ފަހު ވަގުތާ ހަމަޔަށް ހުންނެވުމަށް ފަހުގަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަހީދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފަ އެވެ. އަދި މިއަދު ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައި އިތުރު ބައްދަލުވުމެއް ކުރިއަށްދާ ކަމަށް ވަނީ އެނގިފަ އެވެ.
ބެލެވޭ ގޮތުގައި ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނީ މާދަމާ ރޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ގާސިމްގެ އުފަން ރަށް އދ. މާމިގިލީގައި ބާއްވާ ހަފްލާގަ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެ ޕާޓީން ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށާ އެކު އައި 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް ފުރުސަތު ގެއްލުމުން ދެން ނެރޭނެ ކެންޑިޑޭޓަކީ ވަހީދު ކަމަށް އަޑު ފެތުރުނެވެ. އެކަމަކު ޔާމީން އުފެއްދެވި ޕީއެންސީން ފަހު ވަގުތު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައި ޕީޕީއެމުން ކެންޑިޑޭޓަކު ވާދަ ނުކުރަން ނިންމީ އެވެ.
ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އަންނަ މަހު 9 ގައި އޮންނަ އިންތިހާބަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ފުރުސަތު ލިބި އެކަން ނުކުރުމަކީ ޕާޓީގެ ލީޑަޝިޕުން ވީ ބޮޑު ޚިޔާނާތެއް ކަމަށް ވިދާޅުވެ ފޮނުއްވި ސިޓީއެއްގަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު މި މަހުގެ 7 އަށް ހަމަވެ މިހާރު ވަނީ ކެންޑިޑޭޓުންގެ ނަންތައް ވެސް ތަރުތީބުކޮށްފަ އެވެ.