އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ފުރަތަމަ ދަތުރުފުޅުގައި މިއަދު ބޮޑު ތިލަދުންމައްޗަށް ފުރާވަޑައިގެންފިއެވެ.
ޑރ.މުޢިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ޠަލާލު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި މިއަދު ޑރ.މުޢިއްޒުވަނީ އެމަނިކުފާނުގެ ކެމްޕެއިނުގެ ފުރަތަމަ ދަތުރުފުޅުގައި ހއ. އަދި ހދ.ގެ ބައެއް ރަށްތަކަށް ފުރާވަޑައިގެންފައެވެ.
އެގޮތުން މިއަދު ހދ.ކުޅުދުއްފުއްޓާއި، ނޮޅިވަރަމާއި ހަނިމާދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، މިރޭ ކުޅުދުއްފުށީގައި ކެމްޕެއިން ޖަލްސާއެއް ބާއްވަވަން ހަމަޖެހިފައިވާކަމަށްވެސް ތަލާލު ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ޑރ.މުޢިއްޒުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މުޢިއްޒުގެ އަރިހުގައި މި ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ޕީއެންސީގެ ނައިބުރައީސުންކަމަށްވާ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި، ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލު މެންބަރު އިބްރާހީމް ޝުޖާއުއާއި، ޕީޕީއެމްގެ ނައިބުރައީސުންކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ އިހުސާސްތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ޖަވާބުދެއްވުމަށް ހަމަޖެހިފައިވާކަމަށް ޑރ.މުޢިއްޒުގެ ތަރުޖަމާނު ޠަލާލު މީޑިއާއަށް މައުލޫމާތު ދެއްވިއެވެ.
އިދިކޮޅު އިއްތިހާދުން ބުނި ގޮތުގައި މި ހަފުތާ ބަންދުން ފެށިގެން ވަރަށް ބާރަށް ޑރ.މުޢިއްޒުގެ ކެމްޕެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެއެވެ. އަދި ކުރިއަށް އޮތް މަހެއްހައި ދުވަސް ތެރޭގައި ގިނަ ރަށްތަކަށް ޕީޕީއެމް/ޕީއެންސީގެ ޓީމުތަކުން ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކޯލިޝަނުން މައުލޫމާތު ދެއެވެ.