މަސްވެރި އުޅަނދުތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމް ހަރުކޮށްދިނުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ނިންމައި، އެކަމަށް ތައްޔާރުވާން ފަށައިފިއެވެ. މިފްކޯއިން ބުނީ އާރުއެސްޑަބްލިއު ސިސްޓަމް ބެހެއްޓުމުގެ މަސައްކަތަކީ، މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށެވެ.މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އައިސްޕްލާންޓްތައް ވަނީ ޤާއިމްކޮށްފައެވެ. ނަމަވެސް މިއީ އެންމެ އެދެވޭ ހައްލެއް ނޫނެވެ. އެހެންކަމުން ސަރުކާރުން ދަނީ މަސް ދޯނިފަހަރުގައި މަސް ފިނިކުރެވޭނެ ނިޒާމް ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމް އެޅުމަށް ލޯނު ދޫކުރަމުންނެވެ. އަދި މިހާރު މިފްކޯ މެދުވެރިކޮށް ދޯނިފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް އަޅައިިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، ދޯނިފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަކީ ބާނާ މަހަށް ރަނގަޅު އަގެއް ލިބިގެންދާނެކަމެއްކަމަށެވެ. އެހެންކަމުން މަސްވެރި ދޯނިފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރިއަށްގެންދާކަން އިސްމާޢީލް ފާހަގަކުރެއްވިއެވެ."ކުރިއަށް މިއޮތީ މިފްކޯއިން މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އާރުއެސްޑަބްލިއު ސިސްޓަމް އިންޕްލިމަންޓް ކުރުން. މިފްކޯގެ ޕްރޮޕޯސަލް ސަރުކާރަށް ހުށައަޅަން ތައްޔާރުވަމުން މިދަނީ. ރަނގަޅު މަސްވެރިކަމެއްގައި އައިސް ހޯދުމަށް ބަރޯސާވުމުންވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރޭ. ޚާއްސަކޮށް ކޮލެޓީ މަސް ލިބުމުގައި ގޮންޖެހުންތަކެއް އެބަ ދިމާވޭ. ބޭނުންވާވަރަށް އައިސް ނުހުންނަނީ. މިގޮތައް އިންޕްލިމަންޓް ކުރެވިއްޖެނަމަ އޮޑިވެރިޔާއަށްވެސް އަދި މަސްވެރިންނަށްވެސް ޔަޤީންކަން އެބަ ލިބޭ" އިސްމާޢީލް ވިދާޅުވިއެވެ.އިސްމާޢީލް ފައުޒީ ވިދާޅުވީ، އާރުއެސްޑަބްލިއު ސިސްޓަމް އަޅާނީ މިފްކޯގެ އިންޖީނިއަރުން މެދުވެރިކޮށް އެ ދޯންޏެއްގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލައި ދިރާސާ ކުރުމަށްފަހުގައިކަމަށެވެ. އަދި މިފްކޯ މެދުވެރިކޮށް އަޅާނީ ރަނގަޅު ކޮލެޓީގެ އާރުއެސްޑަބްލިއު ސިސްޓަމްތަކެއްކަމަށާއި، ވޮރެންޓީއާއި ދިމާވާ މައްސަލަތައްވެސް މިފްކޯއިން ހައްލު ކޮށްދޭނެކަމަށް އިސްމާޢީލް ވިދާޅުވިއެވެ. މީގެއިތުރުން މިފްކޯގެ ހުރިހައި ސެންޓަރުތަކަކީވެސް އެ ޚިދުމަތް ލިބޭނެ ސެންޓަރުތަކަކަށް ހަދާނެކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓްތައް ޤާއިމްކުރިނަމަވެސް މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމް ޤާއިމްކުރުމަށް ސަރުކާރުން އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވަމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ މަސް ބާނާ ހިސާބުން ފެށިގެން މަސް ފިނިކޮށް ބަހައްޓައި، އެ މަހަކީ ކޮލެޓީ މަހަކަށް ހެދުމެވެ. އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ ފައިސާވެސް ސީދާ މަސް ދޯނިފަހަރުތަކުގެ އޮޑިވެރިޔާގެ އެކައުންޓަށް ޖަމާވާގޮތައް ވަނީ ބަދަލުގެނެސްފައެވެ.