ޔާމީނުގެ ވެރިކަމުގައި ރާއްޖެ އޮތީ ދުނިޔެއާ ވަކިކޮށްފައި
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެ އޮތީ ދުނިޔެއާ ވަކިކޮށްފައި ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި ވެސް އެންވަޔަރަމެންޓް މިނިސްޓަރުކަން ކުރެއްވި ތޯރިގު މިހެން ވިދާޅުވީ، އދގެ 79 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފާޑުވިދާޅުވެ ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ތޯރިގު ވިދާޅުވީ ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައީ އދގެ އާންމު މަޖިލީހަށް އެންމެ ފަހަރަކުވެސް ވަޑައިނުގެން ހުންނަވަނިކޮށް ކަމަށާއި، ގިނަ ދައުލަތްތައް ހިމެނޭ ޑިޕްލޮމަސީ އަށް އެމަނިކުފާނު ޝައުގުވެރިކަމެއް ވެސް ނުދެއްވި ކަމަށެވެ.
އެގޮތުން 2015 ވަނަ އަހަރު ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ މަޝްވަރާތަކަށް އަދި ޕެރިސް އެއްބަސްވުމުގައި ސޮއިކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަނަކަށް ޖަމާވި އިރު، ޔާމީން އެކަމުގައިވެސް ބައިވެރިވެވަޑައިނުގަތްކަމާއި، އެފަދަ މުހިންމު އެތައް ކަމެއް ޔާމީނުގެ ފަސް އަހަރު މުހިންމުކަން ނުދީ ދޫކޮށްލިކަން ތޯރިގު ފާހަގަކުރެއްވި އެވެ.
މިފަދަ އެތައް ކަމެއްގައި ރާއްޖެ އޮތީ މުޅި ދުނިޔެއިން އެކަހެރިކޮށްލާފައި ކަމަށާއި، އެއާ ހިލާފަށް ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގައި ތޯރިގު ވިދާޅުވި އެވެ. އދގެ ސެކިއުރިޓީ ކައުންސިލުގައި ތަގުރީރު ކުރެއްވެވި ފުރަތަމަ ދިވެހި ރައީސްގެ ލަގަބު ރައީސް މުއިއްޒު ހޯއްދެވިކަން ފާހަގަކުރައްވަމުން ތޯރިގު ވިދާޅުވީ، މިއީ މުޅި ދުނިޔެއަށް ރާއްޖެ ހުޅުވާލެވިފައިވާކަމުގެ ހެއްކެއް ކަމަށެވެ.
ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ރައީސް މުއިއްޒުގެ މަސައްކަތްޕުޅާ އެކު، ރާއްޖޭގެ މުސްތަގުބަލު ފާގަތިވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.