ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބުނު މީހުން އެ ފްލެޓްތަކަށް ވަނުމަށް ކުރި ހަރަދު ދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި މިރޭ އޮތް ޖަލްސާގައި ހުޅުމާލޭ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހިޔާ ފެލެޓް ތަޅާލަން އުޅުނު ކަމަށާއި ނަމަވެސް އެކަން ނުކުރެވުނު ކަމަށެވެ. އެހެންވެ ތިން އަހަރު އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް ބެހެއްޓުމަށްފަހު އެ ހުރިގޮތަށް ދިނުމަށް ނިންމީ ކަމަށާއި އެއީ ޕީޕީއެމްގެ ވެރިކަމުގައި ނިންމި ގޮތް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން އަތުން ދިޔަ ހަރަދުގެ އެވްރެޖް އަދަދު އަނބުރާ ދެއްވާނެ ކަމަށާއި ކޮންމެ ފްލެޓެއްގައި އިތުރު ލިފްޓެއް ބަހައްޓާނެ ޖާގަ ހުރި ކަމަށާއި އެ ބަހައްޓައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ އެވްރެޖް ގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި އާބަންކޯއިން އެ ކޯސްޓް އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް، އެ ކޯސްޓް ބެއާކުރާ ގޮތަށް މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ ދައްކާގޮތަށް. އޭރު ޖެހުނު ހިސާބަށް ބަލާފައި ހަމަ އެ އަދަދަށް އެޗްޑީސީން ލޯނެއް ނަގާފައި ރައްޔިތުން އަތުން ދިޔަ އަދަދު އެވްރެޖް ކޮށްފައި ވަކި އަދަދެއް ކަނޑައަޅާފައި ދޭނަން،" އޭނާ ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމެ. ކޮސްޓުން ކަނޑައިދޭނަމޭ."
މުއިއްޒު މީގެ ކުރިން ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޖޫރިމަނާ މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.