ފަހުވަގުތު ކާމިޔާބުކުރި ލަނޑުން ސިޓީ މޮޅުވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއި އެކު 2-1 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފި އެވެ.
ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީ ކުޅުނު މި މެޗުގެ ހަތް ވަނަ މިނިޓުގައި ވޮލްވްސްގެ ސްޓްރޭންޑް ލާސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ވޮލްވްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައި ނުވި ނަމަވެސް ކައުންޓަރ އެޓޭކް ތަކުގައި އެ ޓީމުން ވަނީ މެންޗެސްޓަރ ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
މެންޗެސްޓަރ ސިޓީން މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި ގްވަޑިއޯލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސިޓީގެ ފޯވަޑް އާލިން ހާލަންޑް ވަރަށް ރަގަޅަށް މާކް ކޮށްގެން ވޮލްވްސް އިން ކުޅުނު މި މެޗުގައި އޭނާއަށް ވޮލްވްސްގެ ގޯލަށް ނުރާއްކާ ކުރާނެ މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
މި މެޗުން ސިޓީ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޯން ސްޓޯން އެވެ.
މި މެޗުން މޮޅުވުމާއެކު މެންޗެސްޓަރ ސިޓީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން 20 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 8 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.