މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އިތުރު ބަޔަކާ އެކު، ކޯލިޝަން ހެދުމަށް ވުރެެ ބޮޑަށް މި ވަގުތު ފޯކަސް ގެންގުޅުއްވަނީ ދެ ވަނަ ބުރު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ދަނޑިކޮށީ ޖަގަހައިގެ ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ދެ ވަނަ ބުރުގައި އެކުގައި މަސައްކަތް ކުރާނެ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި ނަމަވެސް، މިހާރުގެ އެންމެ ބޮޑު އަމާޒަކީ ގަދައަށް ކެމްޕެއިން ހިންގުން ކަމަށެވެ.
"އަޅުގަނޑުމެންގެ ފޯކަސް އަކީ ކެމްޕެއިނަށް އަލުން ތައްޔާރު ވެގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ފުރަތަމަ ބުރުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިގެން ރައީސް އިބްރާހިމް މުހައްމަދު ސޯޅިހު އިންތިހާބުގެ ދެވަނަ ބުރަށް ދަތުރު ކުރައްވާފައިވާއިރު، ވާދަވެރި ކެންޑިޑޭޓް ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހައްދަމުންނެވެ. އެމްއެންޕީއާ އެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސްއާ އެކު މަޝްވަރާތައް އަންނަނީ ކުރައްވަމުންނެވެ.
ރައީސް ވަނީ ދެ ވަނަ ބުރުގައި 2-3 ޕާޓީއަކުން އެކުގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރިން ވިދާޅުވެފަ އެވެ. އެކަމަކު، މިހާތަނަށް އެއްވެސް ޕާޓީއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް އަރާފައެއް ނުވެ އެވެ. އެ މަނިކުފާނު ރޭ ވިދާޅުވީ ކޯލިޝަން ހެދުމަށް ހުރިހާ ފަރާތްތަކަށް ވެސް އޮތީ ދައުވަތު ހުޅުވާލާފައި ކަމަށާއި ވާހަކަ ދައްކައި ގޮތް ނިންމާނީ އެ ޕާޓީތަކުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، އިންތިހާބު ކާމިޔާބު ކުރުމަށް ސިޔާސަތުތަކެއް އެބަހުއްޓެވެ. މޮޅު ވުމަށް ބޭނުންވާ އަދަދަކީ ހާސިލްކުރެވޭނެ އަދަދެއް ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. ފުރިހަމަ ޔަގީންކަން އެބަ އޮތް،" ރައީސްގެ ކާރުކޮޅަށް އަރާވަޑައިގަންނަވަމުން، ނޫސްވެރިންގެ ސުވާލުތަކަށް ކުރު ޖަވާބުތަކެއް ދެއްވަމުން ވިދާޅުވި އެވެ.
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ޖަގަހަ ކައިރިއަށް ރޭ ވަނީ ގިނަ ބަޔަކު އެއްވެ، ރައީސަށް އޮތް ތާއިދު ދައްކާލައިފަ އެވެ. ރައީސް ވިދާޅުވީ އެކަމުން އުއްމީދު މާބޮޑަށް ވެސް އާވެއްޖެ ކަމަށެވެ.
ރޭގެ ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ދެ ވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެ އެވެ. އިންތިހާބުގެ ފުރަތަމަ ބުރު ނިމުމާ އެކު ދިރާސާތަކެއް ހަދާފައިވާ ކަމަށާއި ވީގޮތް އޮޅުންފިލުވައިފި ކަަމށް ވިދާޅުވި އެވެ. ވަރަށް ސާފުކޮށް ރަނގަޅު ކުރަންވީ ކަންކަން އެނގޭ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ރައްޔިތެއްގެ ވޯޓަކީ ވެސް މުހިއްމު ވޯޓެއް ކަމަށާއި ހާއްސަކޮށް ދެ ވަނަ ބުރުގައި ގިނަ ބަޔަކު ނުކުންނާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިހާބެއްގައި އެންމެ މަދުން ކަން ރައީސް ފާހަގަކުރެއްވި އެވެ. މަސައްކަތް ކުރެވިއްޖިއްޔާ އެ އަށް ވުރެ މާ ރަނގަޅަށް އެމްޑީޕީ އަށް މީހުން ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އެދިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ހަމައަށް ކުރަން އޮތް މަސައްކަތުގައި އެންމެން ބައިވެރިވުމަށެވެ. އެމްޑީޕީއަކީ ރޭވުންތެރިކަމާ އެކު ކެމްޕޭން ހިންގާ ބައެއް ކަމަށާއި އެކަން އިންތިޒާމުވެފައި އޮތް ކަމަށް ވިދާޅުވި އެވެ.