މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފަށް ހަމަލާދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ހައްޔަރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަަރަދޫ ދާއިރާގެ މެންބަރު ޝަރީފަށް ހަމަލާދީފައިވަނީ މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތުގައެވެ. އަދި މިކަން ހިގާފައިވަނީ މެންބަރު ޝަރީފް، މަންހޭޓަން ބިޒްނަލް ހޮޓެލްގައި ހުއްޓާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 4 ދިވެހި ފިިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިިރިހެނަކާއި 24 އަހަރުގެ 3 ފިރިހެނުންނެވެ.
ފުލުހުން ވިދާޅުވީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެ މީހުންގެ ބަންދަށް 60 ދުވަސް ޖަހާފައިވާކަމަށެވެ. އަދި 24 އަހަރުގެ އަނެއްމީހާ 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ޝަރީފަށް ދިން ހަމަލާގައި އޭނާގެ ލޯ ކައިރި ވަރަށް ބޮޑަށް ދުޅަވެ ރަތްވެފައިވެއެވެ. އަދި ލޯކައިރި ވަނީ ކުޑަކޮށް ޒަޚަމްވެފައެވެ. ޝަރީފަށް ދިން ހަމަލާގެ އިތުރަށް މިދިޔަ ހޮނިހިރުދުވަހު ވަނީ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު ނިހާދަށްވެސް ހަމަލާދީފައެވެ. ފުލުހުން އަންނަނީ މި ދެ މައްސަލަވެސް ތަޙްޤީގުކުރަމުންނެވެ.