އިންޓަރ މިލާން މޮޅުވެ ތާވަލުގެ އެއްވަނައަށް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ލައިޕްޒީގާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ މަގާމު އިންޓަރ މިލާނުން ހޯދައިފިއެވެ.
އިންޓަރ މިލާން މި މެޗު ކާމިޔާބު ކުރުމާއެކު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން އެ ޓީމަށް ވަނީ 13 ޕޮއިންޓާއެކު އެއްވަނަ ލިބިފަ އެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް 5 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.
މިލާނުގެ ސެން ސީރޯ ސްޓޭޑިއަމްގައި 63 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 27 ވަނަ މިނިޓުގައި ލެއިޕްޒިގްގެ ޑިފެންޑަރ ކަސްޓެއްލޯ ލުކޭބާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި ލަނޑަކީ އިންޓަރ މިލާނަށް ލިބުނު ހިލޭ ޖެހުމެއް ފެޑެރީކޯ ޑިމާކޯ ނަގައިދިނުމުން އެ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ލުކޭބާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި އިންޓަރ މިލާނަށްވަނީ މެޗުގެ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އިންޓަރ މިލާނުގެ ޑެންޒެލް ޑަމްފްރައިސް އާއި ހަކާން ކަލަނޮގްލޫގެ އިތުރު މާކަސް ތުރާމް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.
ޖަރުމަނުގެ ލެއިޕްޒިގް އިން މެޗުގެ ފަހު ވަގުތު އިންޓަރ މިލާނުގެ ގޯލަށް ނުރައްކާކުރި ނަމަވެސް އެ ޓީމަށް ވަނީ އިންޓަރގެ ކޮޅަށް ލަނޑެއް ޖެހޭގޮތް ނުވެފަ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އިޓަލީގެ އޭސީ މިލާން ވަނީ ރަށުން ބޭރުގައި ސްލޮވާން 3-2 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. އަދި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ވަނީ ސްޕާޓާ ޕްރާގް އަތުން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.
މި މުބާރާތުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އާއި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބަޔާން މިއުނިކް އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބަޔާން މިއުނިކަށް ކާމިޔާބު ކޮށްދީފައިވަނީ ކިމް މިން-ޖައި އެވެ. މި މެޗުގެ 56 ވަނަ މިނިޓުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރެފްރީ ވަނީ ރަތް ކާޑެއް ދައްކާފަ އެވެ.