ފެނިގެންދަނީ ޕޯސްޓް އޮފީސް ފެއިލްވެ އެމް.ޑީ އަޙްމަދު ޝަފީޤުގެ ނާގާބިލުކަން
އައިޝަތު ޝާދިޔާ (އަސްލު ނަމެއްނޫން) މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ވަޒީފާއާ ގުޅުނީ ސަރުކާރަށް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން އޮތުމާއި، ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ވިސްނުމުގައެވެ. ޝާދިޔާއަށް ޤަބޫލުކުރެވުނީ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތްކުރަން ފެށުމުން ކިޔެވުމަށް ފަހި ފުރުޞަތެއް ލިބި، ދާއިރާއިން ޢަމަލީ ތަޖުރިބާވެސް ހޯދިގެންދާނެ ކަމުގައެވެ. ބިޒްނަސް ޑެވަލޮޕްމަންޓް އެންޑް މާކެޓިންގ (ބީ.ޑީ.އެމް) ޑިޕާޓުމެންޓުގެ ވަޒީފާއަކަށް ޝާދިޔާ ކުރިމަތިލީވެސް އެ ނިޔަތުގައެވެ. ކަންކަން އުނގެނި، ދާއިރާއިން ދެވެންހުރި އެންމެ ކުރިއަށް ދިޔުމުގެ އަޒުމުގައެވެ.
ޝާދިޔާ ޚިޔާލުކުރެވުނު ގޮތާ ޚިލާފަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތަޖުރިބާ ކުރެވެން ފެށީ ޤަބޫލުކުރަން ދަތި ކަންކަމެވެ. ވަޒީފާއަށް ނުކުންނަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ، ވެރިންގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވާން ފެށިއެވެ. ކުރާ މަސައްކަތް ކަމުނުގޮސްގެން، އެއްޗެހި ކިޔުމާއި، މާޔޫސްކުރަނިވި ބަސްތަކުގެ އަމާޒަކަށް ވެގެންދިޔައެވެ. އޮފީސް ތެރޭން އިވެމުންދާ ބިރުވެރި އަޑަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހިންގާ ތަނެއްކަމަށާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަލަށް ގުޅޭ މުވައްޒަފުނަށް އެކި ބާވަތްތަކުގެ އުނދަގޫތައް ކުރިމަތިކުރުވާކަމާއި، ވަޒީފާގައި މާގިނަ ދުވަހު ދެމިނުހުރެވޭ ވާހަކައެވެ. ޝާދިޔާއަށްވެސް ތަޖުރިބާ ކުރެވެން ފެށީ އެފަދަ ގިނަ ހާދިސާތަކެކެވެ. ކެބިންގައި އިންނައިއރު ކުރިމަތީގައި ފެންނަމުން ދަނީވެސް އިވެމުންދަނީވެސް މުވައްޒަފުން އެފަދަ ހިތި ތަޖުރިބާ ކުރާތަނެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މުވައްޒަފުން ހަރުނުލުމާއި، ވަޒީފާއިން ވަކިވާ ނުވަތަ ކަނޑާލާ ޚަބަރުތަކެވެ. އެންމެ ފަހުން، މާގިނަ މަސްތަކެއްނުވެ ޝާދިޔާއަށްވެސް ކެތްނުކުރެވިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ވަޒީފާއިން ވަކިވެގެން ދިޔައީއެވެ.
ޒަމާނުއްސުރެ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ ކުންފުނީގައި މަސައްކަތްކުރާ ވަކިބަޔަކު ބޭނުންވާގޮތަށް ކުންފުނީގެ ތެރޭގައި ކަންކަން ކުރަމުން އަންނަ ތަނެކެވެ. އެ މުވައްޒަފުންނަކީ ކުންފުނީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމުން، އެ މީހުން ހިތްހަމަނުޖެހޭ ސަރުކާރެއް ނުވަތަ ވެރިންތަކެއް އެ މީހުންގެ މައްޗަށް އަތުވެއްޖެނަމަ ކުންފުނި ހިންގަން ދަތިކޮށް، އެކި ކަހަލަ އުނގަދޫތައް ކުރިމަތިކުރުވައި ކުންފުނި ހިންގުމަށް ދަތިކުރުވައެވެ. އެ ގޮތުން ނިމިދިޔަ ސަރުކާރުގައި މެނޭޖިންގ ޑިރެކްޓަރަކަށް އާދަމް މުޙައްމަދު ޢައްޔަންކުރެވުމާއެކު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އެކި އޮޕަރޭޝަންސްތައް ހުއްޓުވުމަކަށް ގެނައުމަށް މި ފަރާތްތަކުން މަސައްކަތްކޮށްފައިވެއެވެ.
"ޕޯސްޓްގައި ހަރަކާތްތެރިވާ ފަސް ވަރަކަށް މީހުންގެ މި ޓީމަކީ ކުންފުނީގައި ގާތްގަނޑަކަށް 30 އަށްވުރެ ގިނަ އަހަރު މަސައްކަތްކުރަމުންދާ ބައެއް." މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި ކުރިން ޚިދުމަތްކޮށްފައިވާ މުވައްޒަފަކު މަޢުލޫމާތު ދިނެވެ. "މި މީހުން ދެކެނީ ޕޯސްޓަކީ އެ މީހުންގެ އަމިއްލަތަނެއްގެ ގޮތުގަ. އެ މީހުން މުވައްޒަފަކާމެދު ހިތްހަމަނުޖެހިއްޖެޔާ އެ އެންމެ ގުޅިގެން އެ މުވައްޒަފަކު އޮފީހުން ކެނޑޭވަރު ކޮށްލާނެ. ނޫނީ ކޮންމެވެސް ބަދުނާމެއް ބޮލުގަ އަޅުވާފަ ވަޒީފާއިން ވަކިކުރޭ. މި ކަންކަމުގެ އަޑީގައި އެންމެ އިސްކޮށް ހުންނަނީ މިހާރުގެ އެމް.ޑީ ޝަފީޤު."
މި ސަރުކާރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަޙްމަދު ޝަފީޤު ޢައްޔަންކުރެވުމާއެކު، ބާރުތައް އެ މީހުންގެ މުށުގެ ތެރެއަށްލައި، ހިތުހުރިގޮތަކަށް ކަންކަން ކުރަންފެށިއެވެ.
"މި ބަދަލުތައް ފެންނަން ފެށީ މި އަހަރު ފެށުނުތަނާ." ނަން ހާމަކުރަން ނޭދެމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ކިޔާދިނެވެ. "މަޑުމަޑުން ކުންފުނީގެ ކަންކަމުގެ ތެރެއަށް އަމިއްލަ މަޞްލަޙަތު ވައްދާ، މިހާރު ދަނީ ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން. ވަޒީފާއަކަށް މުވައްޒަފަކު ނެގިޔަސް މާކްޝީޓްތައް ބަދަލުކޮށްގެން އެމް.ޑީ ބުނާ ކެންޑިޑޭޓަކަށް ވަޒީފާ ދޭނީ. އޮފީހުގެ މަރާމާތެއް ކުރިޔަސް އެއްޗެއް ގަތަސް، އެމް.ޑީ ބުނާ ބަޔަކަށް ޕްރޮކިއުމެންޓް މެދުވެރިކޮށް ދޭނީ. މިހާރު މުޅި ކުންފުނި މި ހިންގަނީ ދެތިން މީހުން ބޭނުންވާގޮތަށް އެ މީހުންގެ އަމިއްލަ މަޞްލަޙަތު ހިމެނޭގޮތަށް."
މިއީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަޙްމަދު ޝަފީޤު ޢައްޔަންކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ސިޔާސީ ކޮންމެވެސް ފަރާތެއްގެ ނުފޫޒުގައި މީގެ ކުރިންވެސް އަޙްމަދު ޝަފީޤު މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައިވެއެވެ. މީގެ ކުރިން ކުންފުނީގެ އެކި މަޤާމުތައް އަޙްމަދު ޝަފީޤު ފުރުއްވާފައިވާއިރު، އެކި ކަހަލަ މައްސަލަތަކާ ގުޅިގެން މަޞްޢޫލިއްޔަތުތަކުން އެއްފަރާތްކުރެވުމުގެ އިތުރުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޚިދުމަތާ ދުރަށްޖެހިވަޑައިގަންވާ ޙާލަތުތައްވެސް އޭނާއަށް މެދުވެރިވެފައިވެއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބައެއް މުވައްޒަފުން ފާހަގަކުރާގޮތުގައި ކުންފުނީގެ ހާލަތު ވަރަށް ބޮޑަށް ދާންފެށީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަޙްމަދު ޝަފީޤު އަލުން ޢައްޔަންކުރެވުމާއެކުގައެވެ. އަންނަ އަހަރު އަޙްމަދު ޝަފީޤަށް އުމުރު 60 އަހަރު ފުރޭއިރު، ކުންފުނީގެ ޙާލަތު މިހާ ބޮޑަށް ދާންފެށީ އަޙްމަދު ޝަފީޤުގެ ހިންގުންތެރިކަން ނެތުމުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ގެންގުޅުންވާ ބައެއް އިހުގެ ވިސްނުންތަކުގެ ސަބަބުން ކަމަށް ބައެއް މުވައްޒަފުން ޤަބޫލުކުރެއެވެ.
"މިހާރުގެ އެމް.ޑީއަކީ ޒަމާނީ ކުންފުނިތަކުގައި ފެންނަގޮތަށް މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ގެންގުޅުއްވާ ބޭފުޅެއް ނޫން." ކުރިން މަޢުލޫމާތު ދެއްވި މުވައްޒަފު ކިޔާދިނެވެ. "މުވައްޒަފުން ކުރާ މަސައްކަތް ބަލާލާ، ހިތްވަރު ދިނުމުގެ ބަހެއް ބުނެލަންވެސް އެމްޑީ މުވައްޒަފުން ތިބޭ ފްލޯރތަކަކަށް ނާންނާނެ. އޮފީސް ހިންގުމަށްވުރެ ބޮޑަށް އެމް.ޑީ ގިނައިން އިންނަވާނީ އެމް.ޑީއާ ގާތްކޮށް އުޅުއްވާ ވެރިންތަކާއެކު ކޮޓަރިކޮޅުގައި ކޮންމެވެސް މީހެއްގެ ވާހަކަ ދައްކަން ނުވަތަ ގޮސިޕްކުރުމުގަ. ބައެއް ފަހަރު ބައެއް ކަންކަންވެސް އެމް.ޑީ ހަނދާންވެސް ނުހުރޭ. މެންޓަލީ ސްޓޭބަލް ނޫން މީހުންގެ ފަރާތުން ފެންނަ ފަދަ ކަންކަންވެސް ފެންނަހެން ހީވޭ. ވެދާނެ އުމުރުގެ ގޮތުން ކަމަށް ވެސް"
މި ފަހުން، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤާއި އޭނާއާ ގާތްކޮށް އުޅުއްވާ ވެރިންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން އަންނަނީ ބަލަމުންނެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅޭގޮތުން ހުށަހެޅިފައިވަނީ ކަންބޮޑުވާންޖެހޭ ފަދަ، ވަގުތުން ތަހުޤީޤުކޮށް، ތުހުމަތުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ފަދަ މައްސަލަތަކެވެ. ސަބަބަކީ ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ދައުލަތާއި ރައްޔިތުންގެ މަސްލަޙަތު އޮތް ކުންފުންޏެއް ދެތިން ހަތަރު މީހަކު ބޭނުންވާގޮތަށް، އަމިއްލަ މަސްލަޙަތާއި ފައިދާއަށް ހިންގުމަކީ ދިވެހި ރައްޔިތުން އެދޭނެ ކަމަކަށް ނުވާތީއެވެ.
"އެމް.ޑީއާ އެމް.ޑީގެ ގާތް ޓީމުގަ ތިބީ އުމުރުން ދުވަސްވީ ބައެއް." ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މަސައްކަތްކޮށްފައިވާ މުވައްޒަފު ކިޔައި ދިނެވެ. "އެ މީހުން އޮފީސް ހިންގަނީ އެ މީހުންނާ ގާތް މުވައްޒަފުންތަކަކަށް ބާރުދީގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް. މިސާލަކަށް އޮފީހުގެ އިވެންޓަކަށް ހެދިކާކޮޅެއް ކުންފުނީގެ ބަޖެޓުން ގަތަސް، އެ ތަކެތި ގަންނާނީ ސީންތަ (އެގްޒެކެޓިވް ޑިރެކްޓަރ ފާތިމަތު ސީމާ) ކޮންމެވެސް ރައްޓެއްސަކަށް ދީގެން. ކުންފުނިން އެއް ރުފިޔާ ޚަރަދުކުރިޔަސް މި މީހުން ބައިއަޅާނެ."
އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އަޙްމަދު ޝަފީޤާއި އޭނާގެ ގާތް ވެރިން ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި، މާކްޝީޓުތަކަށް ބަދަލުތައް ގެނެސް އެ މީހުންގެ މަސްލަހަތު ހުރި ކެންޑިޑޭޓުންނަށް ވަޒީފާ ދިނުން ހިމެނެއެވެ.
ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި، މުވައްޒަފުން ޝޯޓްލިސްޓް ކުރާ ހިސާބުން ފެށިގެން، ވަޒީފާ ދިނުމާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި އަންނަނީ މަކަރާއި އޮޅުވާލުންތައް ހިންގަމުންނެވެ. އެ ގޮތުން މުވައްޒަފަކު ހޯދަން ބޭނުންވެގެން ބައެއް މަޤާމުތަކަށް އިޢުލާނު ކުރާއިރު، ވަޒީފާއަށް ނަގާނެ ވަކި މީހަކު ކަނޑައަޅާފައި ހުންނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކެނޑިޑޭޓުން ޝޯޓްލިސްޓްކުރުމާއި، އިންޓަވިއު ކުރުމުގައި ހިންގަމުންދަނީ ހަމައެކަނި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތަކެކެވެ. ވަޒީފާއަށް ނަގާ ކެނޑިޑޭޓުގެ ކިބައިގައި އިޢުލާނުގައި ބަޔާންކުރާ ޝަރުތެއް އުނިވިޔަސް، އެ ކެނޑިޑޭޓަކު ޝޯޓްލިސްޓުކުރެއެވެ. އަދި އިންޓަވިއުއަށް ގެނެއެވެ. އިންޓަވިއުކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ، މެރިޓަށް ބަލައިގެން ވަޒީފާ ދިނުމުގެ ބަދަލުގައި މި މީހުން މުވައްޒަފުންނަށް އިރުޝާދުދޭ ލިސްޓެއްގެ މައްޗަށެވެ. އެއަށްފަހު އިންޓަވިއުކުރާއިރު، ހޮވަން ބޭނުންވާ ކެނޑިޑޭޓު ނޫން އެހެން ކެނޑިޑޭޓުންނަށް މާކްސް ދެނީ ވަރަށް ދަށްކޮށެވެ. އަދި ވަޒީފާ ދޭން ބޭނުންވާ ކެންޑިޑޭޓަށް އިތުރަށް މާކްސްދެއެވެ. މިހެން ޢަމަލުކުރީމަ އެ ބޭނުންވާ ކެނޑިޑޭޓަކު ފަސޭހަކަމާއެކު ހޮވިގެންދެއެވެ. ބައެއް ފަހަރު އެ ހޮވަން ބޭނުންވާ ކެނޑިޑޭޓަށް ޕެނަލްގައި މާކްސް ނުދީ، ހުރިހާ އިންޓަވިއުއެއް ނިންމާލާފައި، ހުރިހާ ކެނޑިޑޭޓުންގެ މާކްސްތައް ފުރިހަމަކުރުމަށްފަހު، ހޮވަން ބޭނުންވާ ކެންޑިޑޭޓަށް އެންމެ ގިނަ މާކްސް ދީފައި، އެ މަޤާމަށް އެ ކެނޑިޑޭޓަކު ހޮވައެވެ. އަނެއްބައި ފަހަރު އިންޓަވިއު ޕެނަލް ނިންމުމަށްފަހު، ބޭނުންވާ ކެނޑިޑޭޓަކު ނެގުމަށް މާކްޝީޓަށް ބަދަލު ގެނެއެވެ.
ވަކި މީހަކަށް ވަޒީފާ ދިނުމަށް ހިންގާ މި ޖަރީމާތަކުގެ އެއް މިސާލަކީ އެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމަށް ވަކި މީހަކު ނެގުމަށް ކުރެވުނު ADMHR-MPL/2024/06 ނަންބަރު އިޢުލާނެވެ. އެ މަޤާމަށް ނަގާފައިވަނީ އެކި ފަހަރުމަތިން ކުންފުނިން ވަޒީފާ ދެވި، ކުންފުނި ދޫކޮށް ގޮސްފައިވާ މީހަކަށެވެ. އަޙްމަދު ޝަފީޤަށް ބާރުލިބޭ ކޮންމެ ފަހަރަކު އެފަދަ ގާތް މީހުންނަށް ވަޒީފާދެއެވެ. އަނެއް މިސާލަކީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީގެ މަޤާމަށް ވަކި މީހަކު ނެގުމަށް ކުރެވުނު އިޢުލާނު ނަންބަރު ADMHR-MPL/2024/114 އެވެ.
ކުންފުންޏަށް މުވައްޒަފުން ނެގުމުގައި މި ބާވަތުގެ ކަރަޕްޝަނަށް މަގުފަހިވާ ޢަމަލުތައް ތަކުރާރުކޮށް ހިންގުމުގެ ސަބަބުން ކުންފުންޏަށް ގެއްލުންތައް ކުރިމަތިވުމުގެ އިތުރުން އެންމެ ޤާބިލު ފަރާތްތަކުގެ ޙައްޤު ގެއްލިގެންދެއެވެ.
މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އަޙްމަދު ޝަފީޤު މި ފަހަރު ޢައްޔަންކުރެވުމާއެކު، ކުންފުނީގައި މަސައްކަތްކުރާ އޭނާއާ ގާތް ގިނަ މުވައްޒަފުންތަކަކަށް ޕްރޮމޯޝަންތަކެއް ދީފައިވެއެވެ. އެ ގޮތުން އިންޓާރނަލް ރެކްރޫޓްމަންޓްގެ ނަމުގައި އެ މުވައްޒަފުންތައް ޢައްޔަންކޮށްފައިވަނީ މެނޭޖްމަންޓް ލެވަލްގެ މަޤާމުތަކަށެވެ. އެ މަޤާމުތައް މުވައްޒަފުންނަށް ދީފައިވަނީ އެއްވެސް މިންވަރަކަށް ތަޢުލީމީ ފެންވަރަކަށް ބެލުމެއްނެތި، އޮންނަ ގާތް ގުޅުންތަކުގެ މައްޗަށެވެ.
"އެ ކަހަލަ ތަފާތުކުރުމުގެ ކަންކަމާ، ބައެއް ވެރިންގެ ފަރާތުން ސްޓާފުންނަށް ކުރިމަތިކުރާ އުނދަގުލާ ހެދި ސްޓާފުން ޕޯސްޓުގަ ހަރުނުލަނީ." ކުރީގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ކިޔާދިނެވެ. "އެ ތަނަކީ (ޕޯސްޓް) އަކީ ވަރަށް މުސްކުޅި ގްރޫޕެއް ހިންގާތަނެއް. އެ މީހުން އެތަނުގަ ތިބެގެން ޕޯސްޓް ދުވަހުވެސް ކުރިއެއް ނާރާނެ. ރަނގަޅު ސްޓާފުންވެސް ނުތިބޭނެ. އެއީ އެމީހުން ބޭނުންވާ ގޮތަކީވެސް. ޕޯސްޓް ރަނގަޅުކުރަންޏާ ޖެހޭނީ މިހާރުގެ އެމް.ޑީ ބަދަލުކޮށް، ރަނގަޅު މެނޭޖްމަންޓެއް ގެންނަން. ނޫނީ އެ ތަން އޮންނާނީ ވަކިބައެއްގެ ވިޔަފާރި ކުންފުނީގެ ގޮތުގަ."
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި ވަކި ބައެއްގެ އަމިއްލަ މަޞްލަޙަތު މިހާ ފުޅާ ދާއިރާއެއްގައި ހިނގަމުންދަނީ ކުންފުންޏާ މެދު ސަރުކާރަށް މާބޮޑު ސަމާލުކަމެއް ނުދެވި، ދޫކޮށްލާފައި އޮތުމުގެ ސަބަބުންނެވެ. ކުރީގެ ސަރުކާރުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި އިސް މަޤާމެއް ފުރުއްވާފައިވާ ފަރާތެއް ނަން ހާމަނުކުރުމަށް އެދި ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މި ސަޤާފަތް ދެމިއޮތީ ޕޯސްޓް އޮފީސް ކުޑަ ކުންފުންޏަކަށް ވެފައި، ސަރުކާރުގެ ލެވެލްގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް މާބޮޑު ޝަޢުޤުވެރިކަމެއް ނެތީމައެވެ.
"މިހާރު އެކަންޏެއް ނޫން، ގިނަ ސަރުކާރުތަކުން އަޅާނުލެވިފައި އޮތް ތަނެއް ޕޯސްޓަކީ." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލުކުރާގޮތުގައި ނަތީޖާ ނުނެރެވޭ މި ފަދަ ނާޤާބިލު ބޭފުޅަކު (އަޙްމަދު ޝަފީޤް) އެމް.ޑީއަކަށް ހަމަޖައްސަވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއަށްވެސް އެނގިވަޑައިގަންނަވަންވާނެ ޕޯސްޓަކީ އެ ވެރިންތައް ތިއްބަވައިގެން މާބޮޑު ކުރިއެރުންތަކެއް ހޯދިފައިވާ ތަނެއް ނޫންކަން. އެ ބޭފުޅުންގެ ޤާބިލުނޫންކަމުގެ ހިސްޓްރީއެއް އެބައޮތް. ޕޯސްޓް މިހާރު އެ ހިންގަނީ މުޅިން ގެއްލުމުގަ. މިއީ ސަރުކާރަށް އޮތް ކިހާ ބޮޑު ލައިބިލިޓީއެއް ނޫންތޯ؟"
ސަރުކާރު ބަދަލުވެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރގެ މަޤާމަށް އަޙްމަދު ޝަފީޤު ޢައްޔަންކުރެވުމާއެކު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ކުންފުނީގެ ބޯޑުގެ ބާރު ކަނޑުވާލައި، އަޙްމަދު ޝަފީޤު ބޭނުންވާގޮތަށް ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް، އަމިއްލަ މަޞްލަޙަތު ހިމެނޭގޮތަށް ކަންކަން ކުރެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ކުންފުނީގެ ބޯޑަށް އަލަށް ޢައްޔަންކުރައްވާފައިވަނީ އަޙްމަދު ޝަފީޤުގެ އިތުރުން އެންމެ ބޭފުޅެކެވެ. ވެރިކަމަށް އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް، ކުންފުނީގެ ބޯޑުގެ ގިނަ މަޤާމުތައް އޮތީ ހުސްކޮށެވެ.
"ކުންފުނީގެ ބޯޑުގެ ބާރު ނެތުނީމަ، އަޙްމަދު ޝަފީޤާއި ކުންފުނީގެ މުސްކުޅި ގުރޫޕަށް ލިބުނީ ރަނުގެ ފުރުޞަތެއް." ކުރިން މަޢުލޫމާތު ދެއްވި މުވައްޒަފު ވިދާޅުވިއެވެ. "އެ މީހުން މިހާރު އުޅެނީ ބޯޑް އޮފް ޑައިރެކްޓަރުންނަށް ހެދިގެން. މިއީ ތިމަންނަމެންގެ ތަނެކޭ. ތިމަންނަމެން ބޭނުން ބަޔެކޭ މިތާ ބަހައްޓާނީ މިހެން ކިޔާފާ. ރައްޔިތުންގެ މިލްކިއްޔާތެއް މި ކަހަލަ ތިން ހަތަރު މީހަކު ފެލާލާއިރު ރައްޔިތުންނަށް އޯކޭވާނެތޯ؟"
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމަށް އަޙްމަދު ޝަފީޤު ޢައްޔަނުކުރެވުމާއެކު، ކުންފުނީގެ ބޯޑުގެ ބައްދަލުވުންތައް ބޭވިޔަނުދީ ބޯޑުގެ މަސައްކަތްތައް ހުއްޓުވާލެއްވިއެވެ. ބޯޑުން ނިންމަންޖެހޭ މުހިންމު ނިންމުންތައް އަމިއްލަ ބާރުގެ ތެރެއަށް ނަންގަވައި، ބޭނުންވާ ގޮތްގޮތަށް ނިންމުންތައް ނިންމަން ފެށިއެވެ. ވެރިކަން ބަދަލުވުމަށްފަހު ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ބާއްވާފައިވަނީ ހަމައެކަނި 6 މޭ 2024 ގައެވެ. މި ބައްދަލުވުން އޮންލައިންކޮށް ބާއްވާފައިވަނީ ވެސް ބޯޑުގެ މެންބަރުންނަށް ފުރުޞަތު ނުދިނުމުގެ ނިޔަތުގައި، އަދި ބޯޑުގެ ބައްދަލުވުމެއް ބޭއްވިކަން އީދާރީގޮތުން ދެއްކުމުގެ މަޤްޞަދުގައެވެ. އޭގެ ފަހުން ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ބާއްވާފައިވަނީ ކުރީގެ ބައެއް މެންބަރުން ވަކިކުރެއްވުމާއެކު 19 އޯގަސްޓް 2024 ގައެވެ.
ކުންފުނީގެ ބޯޑުގެ ބައިވެރިވުމެއްނެތި، އަޙްމަދު ޝަފީޤު ނިންމެވި ނިންމުންތަކުގެ ތެރޭގައި މުވައްޒަފުންނަށް މުސާރަ ދިނުމުގެ ނަމުގައި ލޯނުތަކެއް ނެގުން ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ "އީ" ކެޓަގަރީގެ ކުންފުންޏަކަށްވާއިރު "އީ" ކެޓަގަރީގެ ކުންފުންޏެއްގެ މުސާރައިގެ ބަދަލުގައި "ސީ" ކެޓަގަރީގެ ކުންފުންޏެއްގެ އެމް.ޑީގެ މުސާރަ އަޙްމަދު ޝަފީޤު ނެންގެވުން ހިމެނެއެވެ. އަދި އަޙްމަދު ޝަފީޤުގެ ބޭރުގެ ދަތުރަކާ ގުޅިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ ހުރިކަމަށްވެސް ތުހުމަތުކުރެވެއެވެ. މިއީ ތަޙުޤީޤުކުރުމަށްފަހު ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ފަދަ ބޮޑެތި ކަންކަމެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އަންދާސީ ހިސާބު ހޯދައިގެން ކުރެވޭ މަސައްކަތްތައް ވެސް ސިންގަލް ސޯސްކޮށްގެން ކުރަން އިސްކަންދިނުމާއި ކުންފުނީގެ އޮފީސް އިމާރާތުގައި ކުރެވޭ އެކި ބާވަތްތަކުގެ މަސައްކަތްތައް ކުރުމަށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ޢަމަލުތައް ހިންގުން ހިމެނެއެވެ. އެ ގޮތުން ގަވާއިދުގައި އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައިގެން ކުރާ ކަންތައްތަކުގައި ބީލަން ހުށަހެޅުމަށް ވަކި މުއްދަތެއް ދިނުން ބަޔާންކޮށްފައިއޮތަސް، ކުއްލި ހާލަތެއް މެދުވެރިވެގެން ކުރާ ބީލަންތަކުގެ ގޮތުގައި ކަނޑައަޅައި، ގަވާއިދާ ޚިލާފަށް ވަކި ބަޔަކަށް މަންފާކުރާނެ ގޮތަށް މަސައްކަތް ޙަވާލުކުރުން ހިމެނެއެވެ.
"މީގަ މުވައްޒަފުން ތިބެނީ ފިތި ބާރުވެފައި." ބީ.ޑީ.އެމްގައި ކުރިން މަސައްކަތްކުރި މުވައްޒަފު ކިޔާދިނެވެ. "އެމް.ޑީ މި ހައްދަވާގޮތަކީ ޕްރޮކިއުމަންޓްގެ މުވައްޒަފުންނަށް ގުޅާފަ މި ބުނަނީ މިވެނި ބަޔަކަށް މި މަސައްކަތް ޙަވާލުކުރަން ޑޮކިއުމެންޓޭޝަންތައް ހަދާށޭ. މި ނޫން ބަޔަކަށް މި މަސައްކަތް ނުދެއްޗޭ.......އާދެ ސީދާ އެމް.ޑީވެސް ގުޅާނެ. ދެން ޕްރޮކިއުމަންޓްގަ ތިބޭ ކުދިން ކޮންމެސް ގޮތަކަށް ލިޔެކިޔުންތައް ފުރިހަމަކޮށްލަނީ ބެކްޑޭޓް ކޮށްގެންނާ އެކި ގޮތްގޮތަށް. އެހެން އެކަން ކުރާއިރު ބައެއް ފަހަރު ހުންނާނެ ގަވާއިދަށް ފައްތާފަ އަދި ގަވާއިދަށް ނުފެތިވެސް."
100އަށް ވުރެ ގިނަ އަހަރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ވެފައިވާއިރު، އަދިވެސް ފެނިގެން ދަނީ ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ތަރައްޤީ ނުކުރެވި، ކުންފުނިން އެކި ނަންނަމުގައި ބޮޑެތި އިސްރާފުތަކެއް ކުރާތަނެވެ. ފައިދާ ނުވާ ވިޔަފާރިތަކަށް ވަދެ އަޙްމަދު ޝަފީޤާއި އޭނާގެ ގާތް ވެރިންގެ މަޞްލަޙަތު އޮންނަ ގޮތަށް ވިޔަފާރިތައް ކުރާ މަންޒަރެވެ. ދުނިޔޭގެ އެކި ޤަމުތަކުގައި ޕޯސްޓްގެ ޚިދުމަތްދޭ ކުންފުނިތައް ޚިދުމަތުގެ ފެންވަރު ތަރައްޤީކޮށް، އަވަސް ހަލުވި މިނެއްގައި އަދި ޔަޤީންކަމާއެކު ޕާރަސަލްއާއި ޕެކޭޖުތައް ޑެލިވަރީކުރާއިރު، ދިވެހިރާއްޖޭގެ ޕޯސްޓް އޮފީސް އަދިވެސް ފެންނަނީ ޚިދުމަތުގެ ފެންވަރު ދަށް، "ސްލޯ" ޚިދުމަތެއް ދޭ ތަނެއްގެ ގޮތުގައެވެ. ޑެލިވަރީ ކުރާ ތަކެތި ބުނާ ހަލުވިމިނެއްގައި ކަސްޓަމަރަށް ރައްދުނުކުރެވޭއިރު، ކަސްޓަމަރުންގެ ޝަކުވާތަކަށް ދޭ ޖަވާބަކީ ފެރީ ޑިލޭވުމާއި މޫސުން ގޯސްވުމުގެ ވާހަކައެވެ. ކޮންމެ މައްސަލައެއް ދިމާވެގެން ޝަކުވާކުރިޔަސް ކުންފުނިން ދޭ ސްޑޭންޑަޑް ޖަވާބަކީ ތިމަންނާމެން ތިކަން ބަލާނަމެވެ.
"ޝަފީޤުމެން ތިބެގެން ޕޯސްޓް ރަނގަޅެއް ނުކުރެވޭނެ." ބީޑީއެމްގެ ކުރީގެ މުވައްޒަފު ބުންޏެވެ. "އެ މީހުންނަކީ ކޮންމެހެން ޕޯސްޓުގެ ޚިދުމަތް ތަރައްޤީކުރަން އުޅޭ ބައެއް ނޫން. އަޅުގަނޑުމެން އުޅުނުއިރު ރަނގަޅު ކޮންސެޕްޓެއް ޑެވަލޮޕްކޮށްގެން ދިޔަޔަސް ވެރިން ބުނާނެ ތީތި ކަމަކު ނުދެޔޭ. އެ ތަނުގެ ދުވަސްވީ ވެރިންނަކީ މުވައްޒަފުންނާ ޖައްސާލާ، ރަނގަޅު މީހަކު ވެއްޖެޔާ ވަޒީފާގަ ނޫޅެވޭވަރު ކުރާ ވަރަށް ޒާތީ ބައެއް. ޕޯސްޓޭ ބުނީމަ ގިނަ މީހުންނަށް އެނގޭނެ އެއީ ވަރަށް މައްސަލަ ބޮޑު ތަނެއްކަން. ސަރުކާރު ގެޒެޓަށް ވަނީމަ ފެންނާނެ މުވައްޒަފުން ކެނޑިގެން އަބަދު އިޢުލާން ކުރާތަން. އެތަނަކީ މުވައްޒަފުން ހަރުލާތަނެއްނޫން."
ދުނިޔޭގެ އެހެން ޤައުމުތަކުގައި ޕޯސްޓުގެ ޚިދުމަތްދޭ ފަރާތްތަކުން ޒަމާނީ ފެންވަރުގައި ޚިދުމަތްތައް ފޯރުކޮށްދެމުންދާއިރު، ދިވެހިރާއްޖޭގެ ޕޯސްޓް އޮފީސް ފެނިގެންދަނީ ހަމަ މުސްކުޅި ޓީމާއެކު، ގޭގެ ސިޓިންގ ރޫމްގައި ކުންފުނި ހިންގާ ބީދައިން ކުންފުނި ހިންގާތަނެވެ. ނިންމުންތައް ނިންމަން މި ބޭފުޅުންގެ ތެރޭގައި ގްރޭޑް 10ގެ ފެންވަރު ނެތް ވެރިން ތިއްބަސް، ސަރުކާރުގެ ކަންބޮޑުމެއް ނެތް ކަހަލައެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ފެންވަރު ރަނގަޅު ޚިދުމަތްދޭ، ކާމިޔާބު ވިޔަފާރީއަކަށް ބަދަލުކުރެވޭނީ ޒަމާނުއްސުރެ ވަޒީފާގައި ތިބެ ނަޖީތާ ނުނެރެވޭ މިފަދަ ދުވަސްވީ ފަރާތްތަކުގެ ބަދަލުގައި ތަޢުލީމީ ޒުވާން ލީޑަރޝިޕަކަށް ޖާގަ ދެވިގެންނެވެ. ބަދަލުވަމުންދާ އޮއިވަރާއެކު، ޒަމާނީ އަދި ހަރުދަނާ ބަދަލުތައް މި ފަދަ ކުންފުނިތަކަށް ގެނެވިގެންނެވެ.