ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި 3 މީހަކަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި މާލެ، "ހަބީބީ" ކެފޭތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މެންބަރު ޒަރީރަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ދައުވާ ކުރުމަށް ހުސްވިމަހުގެ 19ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
މއ. ނައިޓްވިލާ އިބްރާހީމް އަބްދުﷲ (ގައްބަރޭ)
ތ. ކިނބިދޫ ދީފުރަމްގެ އަހްމަދު އަވްޝަމް
މ. ތާޖް މުލާއިމް މުޙައްމަދު
މި 3 މީހުންގެ ތެރެއިން އިބްރާހިމް އަބްދުﷲ (ގައްބަރޭ) ގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
އަދި އަހްމަދު އަވްޝަމް އާއި މުލާއިމް މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައާ ގުޅިގެން މެންބަރު ޒަރީރު ވަނީ ގައްބަރޭ އަކީ އޭނާގެ އެކުވެރިއެއް ކަމަށްބުނެ ގައްބަރޭ ދޫކޮށްލުމަށް ގޮވާލާފައެވެ.