12 އޭޕްރީލު 2025

Advertisement

12 ކޭސް ރެޑްބުލް ވަގަށް ނެގި މީހަކު 9 މަހަށް ޖަލަށް

30 ޖެނުއަރީ 2025

މާލޭގައި ހުންނަ ޔޫރޯ މާކެޓިންގެ ގުދަނެއްގެ ދޮރުގެ ތަޅު ހަލާކޮށްލައިގެން އެތަނަށް ވަދެ، 12 ކޭސް ރެޑްބުލް ގެންދިޔަ މީހަކު 9 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ، ގއ. ދާންދޫ، ޕެލަސްހައުސް މުހައްމަދު އާދަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުފޯރުވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ބުނީ، މިއީ 2019ވަނަ އަހަރުގެ މާޗް މަހުގެ އަށްވަނަ ދުވަހު ގއ. ކޮލަމާފުށި، ނަސީމީގެ އަހުމަދު އާރިފާއި މުހައްމަދު އާދަމް ހިންގާފައިވާ އަމަލެއްކަމަށެވެ.

Advertisement

މި މައްސަލައިގައި ފުރަތަމަ ދައުވާ އުފުލި އިރު، އާރިފުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އޭރު އޭނާގެ މައްޗަށް އުފުލި ދައުވާއަށް އިއުތިރާފު ވުމުން އޭނާއަށް ހުކުމް ވެސް ކުރިކަން ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ކޯޓުގައި އިއުތިރާފުވެ އާރިފު ދީފައިވާ ބަޔާން މުހައްމަދު އާދަމާ ދެކޮޅަށް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އަދި އެދެމީހުން މި އަމަލުގައި ބައިވެރިވާތަން ފެންނަ ސީސީޓީވީ ފުޓޭޖް ވެސް ވަނީ ހުށަހަޅާފައެވެ. އެހެންކަމުން ކޯޓުން ނިންމީ ޝައްކެއް ނެތް މިންވަރަށް މުހައްމަދު އާދަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

މި ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. އެހެންކަމުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.

Advertisement

ކޮމެންޓް