ޕީޕީއެމް އުވާލައި، ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް އެޕާޓީ އުވާލައިފި އެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާޓީ އުވާލަން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެޕާޓީ އުނިކޮށްފައިވާ ކަމަށެވެ.
ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުގެ ކުއްލި ބައްދަލުވުމެއް މިދިޔަ 2024 ވަނަ އަހަރު ޑިސެމްބަރު މަހު 2 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އަދި އެ ބައްދަލުވުމުގައި އެ ޕާޓީ އުވާލުމަށް ވަނީ ނިންމާފައެވެ.
ޕީޕީއެމް ރަސްމީކޮށް ރަޖިސްޓްރީކުރީ 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ޕާޓީ އުފެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެންނެވެ. ޕީޕީއެމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އެވެ.