"މަންފާ" ގެ ނަމުގައި އަލީ ރަމީޒު އާ ޖަމިއްޔާއެއް އުފައްދައިފި
"މަންފާ" ގެ ނަމުގައި އަލީ ރަމީޒު އާ ޖަމިއްޔާއެއް އުފައްދައިފި އެވެ.
އަލީ ރަމީޒް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "މަންފާ" ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާ ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
"އިސްލާމް ދީނުގެ ރިވެތި ވައުޒާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، މިދީނުގެ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާއީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަގްސަދުގައި އަޅުގަނޑުމެން ޖަމްއިއްޔާއެއް އުފައްދައި، މި ޖަމްއިއްޔާއަށް 'މަންފާ' ގެ ނަމުން ނަންދީ ރަޖިސްޓްރީ ކުރިކަމުގެ އުފާވެރި ހަބަރު ތިޔަ ލޮބުވެތި އަހުންނާ އުހުތުންނަށް އަރުވަން،" އަލީ ރަމީޒު އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.
އަލީ ރަމީޒަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާއެވެ. ނަމަވެސް 2002 އަހަރު ލަވަކިޔުން ހުއްޓާލައި އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަލަފު ޖަމުޢިއްޔާ ގުޅިގެން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އަދި މިދިޔަ 2024 ވަނަ އަހަރު ޑިސެމްބަރު 21 ވަނަ ދުވަހު ޖަމުޢިއްޔަތުއް ސަލަފުން އަލީ ރަމީޒް ވަނީ އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވި އިރު އެނާ އެންމެފަހުން އަދާކުރެއްވީ އެ ޖަމްޢިއްޔާގެ އޮޕަރޭޝަންސް މެނޭޖަރުގެ މަޤާމެވެ.