ދެމައިން މަރުވި މައްސަލާގައި ވިލިނގިލީ މީހުން އިހުތިޖާޖު ކޮށްފި
ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އިހުމާލުން ދެމައިން ނިޔާވި މައްސަލާގައި އިންސާފު ހޯދައި ދިނުމަށް އެދި އެ ރަށުގައި މިއަދު އިހުތިޖާޖު ކޮށްފި އެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން ފަރުވާ ދިނުން ލަސްވެ ނިޔާވީ އެ ރަށު ޒަމާނީވިލާ، ފާތިމަތު ޝިއުނާ (37އ) އާއި އޭނާގެ ދަރިފުޅެވެ. ބަނޑަށް 8 މަހުގައި ކުއްލި ގޮތަކަށް ނޭވާލާން އުނދަގޫވެ، ވިލިނގިލީ ހޮސްޕިޓަލުގައި ޝިއުނާ އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ.
ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލު ކައިރިން މިއަދު ފެށި އެ އިހުތިޖާޖުގެ ބައިވެރިން ތިބީ ހިތާމަފާޅު ކުރުމުގެ ގޮތުން ކަޅު ހެދުން ލައިގެންނެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ނިޔާވި ދެމައިންގެ މަރުގެ ތަހުގީގު އަވަސްކޮށް، އިންސާފު ހޯދައިދޭން ގޮވާލާފަ އެވެ. އެ އިހުޖާޖުގައި ޝިއުނާގެ ފިރިމިހާ ޝިފާޒު ޒާހިރު ވެސް ވަނީ ބައިވެރިވެފައެވެ.
ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް ޖިނާޢީ ތަހުގީގެއް ހިންގައި، އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފުލުހުންނަށް އަންގާފަ އެވެ.
ފުލުހުން ބުނީ، ހޮސްޕިޓަލުގެ އިހުމާލުން ދެމައިން ނިޔާވި މައްސަލައެއްގެ ޖިނާއީ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށެވެ. އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ އިތުރުން މި މައްސަލަ ހެލްތު މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.