6.7 މިލިއަންގެ ޑްރަގްސް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި ޝިޕްމަންޓެއް ބަލައިފާސްކުރުމަށް މިއަދު ފަތިހު، އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.5 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، 2.1 ކިލޯގެ މެތަމްފެޓަމިން، އެއް ކިލޯގެ ކެޓަމިން އަދި 301 ގްރާމުގެ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި ތަކެތީގެ މަގުމަތީ އަގު، ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު ޑްރަގު ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.