ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އެ މަގާމުން ދުރުކުރުމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދަން ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރީ އިއްޔެއެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެންމެ ފަހުން، އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި ރޭގެ ވަގުތެއްގައެވެ.
މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.
"އިސްވެ ބަޔާންކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން، ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އަހުރެމެންނަށް ފެންނަ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އަހަރެމެން ސޮއި ހުށަހަޅަމެވެ،" ގަރާރުގައިވެއެވެ.
ރައީސް ނަޝީދު މަގާމުން ދުރުކުރަން ހުށަހެޅި އިރު މިދިޔަ ހަފްތާގައި ބޭއްވި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި ވަނީ ރައީސް ނަޝީދު ބޭނުންވެގެން އުޅޭ ނިޒާމީ ވޯޓު ނެގުމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކޮށްފައެވެ.
އެ ބައްދަލުވުމުގައި ނިޒާމީ ވޯޓަކަށް ދާން ތާއިދު ނުކުރިއިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ވެއްދުމަށް ގޮވާލައިފައެވެ.