ހޫތީންގެ ގިނަ ތަންތަނަށް އެމެރިކާއިން ބޮން އަޅައިފި
އެމެރިކާއިން ހޫތީންގެ 100ށް ވުރެ ގިނަ ތަންތަނަށް ބޮން އަޅައިފިއެވެ.
އެމެރިކާގެ ދިފާއީ އޮފިޝަލަކު އަންގާރަ ދުވަހު އަލް އަރަބިއްޔާ އިންގްލިޝްއަށް ވިދާޅުވީ ޔަމަނުގައި މިދިޔަ މަހު ބޮން އެޅުމުގެ އޮޕަރޭޝަން ފެށި ފަހުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަމަނުގައި ތިބި ހޫތީންގެ 100 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައި ކަމަށެވެ.
އެމެރިކާގެ ޑިފެންސް އޮފިޝަލް ވިދާޅުވީ ހޫތީންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފެސިލިޓީތަކާއި ހަތިޔާރު އުފައްދާ ފެސިލިޓީތަކާއި އެޑްވާންސް ހަތިޔާރު ރައްކާކުރާ ތަންތަން ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ހޫތީންގެ ބައެއް ލީޑަރުން މަރުވި ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް، މަރާލީ ކާކު ކަމާއި އަދި އެކަމުގެ އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.
މި އޮޕަރޭޝަނުގައި ބޭނުންކުރި އުޅަނދުތަކުގެ ތެރޭގައި 30،000 ޕައުންޑުގެ ބަންކަރު ގޮއްވާލަން ބޭނުންކުރާ ފަދަ ބޮންތައް އުފުލާ "ބީ-2 ސްޓެލްތް" ހިމެނެ އެވެ. އޮފިޝަލުން ބުނާ ގޮތުގައި އޮޕަރޭޝަނުގައި ބޮން އެޅި މީހުން ވަނީ ބިމު އަޑީގައި ހުރި ހޫތީންގެ ވަސީލަތްތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ބޮން އަޅާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ މަތިންދާބޯޓުތަކެއް އިންޑިއާ ކަނޑުގައި މަޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބޯޓުތައް މަޑުކޮށްފައި ތިބީ ޑިއޭގޯ ގާސިއާގައި ކަމެއް އެމެރިކާއިން ނުބުނެއެވެ.
މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލް، ޖެނެރަލް އެރިކް ކުރިލާ ވަނީ މިދިޔަ ހަފުތާގައި ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ޔަމަނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި ކުރިލާ އާއި ޔަމަނުގެ ޚާރިޖީ ވަޒީރު ވަނީ ހޫތީންނާ ދެކޮޅަށް އެމެރިކާއިން މިހާރު ކުރިއަށް ގެންދާ ކެމްޕޭނާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
ހޫޘީން ވަނީ އެމެރިކާގެ އުޅަނދުތަކަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، އެމްކިއު-9 ރީޕަރ ޑްރޯންތަކެއް ވައްޓާލާފައެވެ. ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ތިން ޑްރޯން ވައްޓާލާފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ހޫތީންގެ އެއްވެސް ހަމަލާއެއް އެމެރިކާގެ އުޅަނދުތަކަށް ނުވަތަ މުދަލަށް އަމާޒުކޮށްފައިވޭތޯ ސުވާލު ކުރުމުން އެމެރިކާގެ ދިފާއީ އޮފިޝަލް ވިދާޅުވީ އެމެރިކާގެ ސިފައިންނާއި މުދާ ހުރީ ރައްކާތެރި ކަމާއެކު ކަމަށެވެ.
އެމެރިކާގެ ހަމަލާތަކުގައި ހޫތީންގެ އިސް ބައެއް ބޭފުޅުންނާއި ހަތިޔާރުގެ މާހިރުން މަރުވެފައިވާ ކަމަށް ސަރުކާރުން ބުނަމުންދާ ވާހަކަތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފަ އެވެ. ނަމަވެސް ވައިޓް ހައުސްއިން މި ވާހަކަތައް ސާބިތުކޮށްދޭނެ ހެއްކެއް ދައްކާފައި ނުވާއިރު ޕެންޓަގަންގެ އޮފިޝަލުން ވަނީ އިތުރު ތަފްސީލެއް ދޭން ދެކޮޅު ހަދާފަ އެވެ.
މި އޮޕަރޭޝަންގެ ޚަރަދާއި ފާއިދާއާއި މެދު ފާޑުކިޔުންތައް އިތުރުވަމުން ދިޔަ ނަމަވެސް، އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި އޮޕަރޭޝަންތަކަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް ޑިފެންސްގެ އިސް އޮފިޝަލުން ވިދާޅުވި ކަމަށެވެ. ހެގްސެތު ވަނީ މި ކެމްޕޭނަކީ އިންސާފުވެރި އަދި ކާމިޔާބު ކެމްޕެއިނެއް ކަމަށް ވިދާޅުވެ ޝައްކުތަކަށް ރައްދު ދީފައެވެ.
އެމެރިކާގެ ދިފާއީ އޮފިޝަލް އަންގާރަ ދުވަހު އަލް އަރަބިއްޔާ އިންގްލިޝްއަށް ވިދާޅުވީ ހޫތީން އަދިވެސް ގާބިލްކަން ދަމަހައްޓަމުން އަންނަ ކަމަށާއި މައިގަނޑު ސަބަބަކީ އީރާނުން ގާތްގަނޑަކަށް 10 އަހަރު ވަންދެން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ހެގްސެތު މީގެ ކުރިން ދެއްކި ވާހަކަތަކާ ހަވާލާދީ އޮފިޝަލް ވިދާޅުވީ ހޫތީން ހަމަލާދިނުން ހުއްޓާލުމުން އެމެރިކާއިން ވެސް ހޫތީންނަށް ހަމަލާދިނުން ހުއްޓާލާނެ ކަމަށެވެ.