ޖުލައި މަހު ސަރުކާރުގެ ޓެކްސީ ލައިން ގާއިމުކުރެވޭނެ: އަމީން
އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ދަތުުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިން ގާއިމްކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީއާ)އެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެމްޓީސީސީން އިއުލާންކޮށް، އެޓެކްސީތައް ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށާއި ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗަރޖު ކުރާނެ ޗަރޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް ތަޢާރަފުވެގެންދާނެ ކަމަށް،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޓެކްސީގެ ޚިދުމަތަކީ ރާއްޖޭގައި ޒަމާންވީ ޚިދުމަތަކަށްވިނަމަވެސް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށާއި ޓެކްސީގެ ޚިދުމަތް ދިނުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުން ޚިދުމަތް ދިނުމާއި ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށެވެ.
އަދި ސަރުކާރުގެ ޓެކްސީ ލައިންގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ބާރު އެޅުއްވުން ކަމަށާއި މިއީ ބޭރުގެ ބައެއް ގައުމުތަކުގައިވެސް ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މި ޚިދުމަތުގެ ބޭނުމަކީ ސްޓޭންޑަޑް ކަނޑައެޅުމެވެ. އަދި ސްޓޭންޑަޑް ކަނޑައަޅާފައި ޓެކްސީ ލައިންތައް ޑިސިޕްލިންވެ ރައްޔިތުން ބޭނުންވާ ފެންވަރަށް މި ޚިދުމަތް ދެވެން ފެށުމުން ސަރުކާރަށް ޓެކްސީ ލައިން ހުއްޓާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.