ލިޔޯން ރޮއްވާލުމަށްފަހު ޔުނައިޓެޑް ސެމީ އަށް
ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގެ ފަހު ވަގުތުކޮޅުގެ ދެ މިނެޓުގައި ދެ ގޯލު ޖަަހައި މެންޗެސްޓާ ޔުނައިޓެޑުން އޮލިމްޕިކް ލިޔޯން ރޮއްވާލައި، ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގަށް ނުކުތްއިރު ދެ ޓީމް އޮތީ ފުރަތަމަ ލެގުގައި ކުޅުނު މެޗުން 2-2އިން އެއްވަރުވެފައެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު ފޯރިގަދަ މެޗުން ރޭ ޔުނައިޓެޑް މޮޅުވީ 5-4އިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެޓީމްގެ ދެ ގޯލު ޖަހައިދިނީ މެނުއެލް އުގާޓޭ އާއި ޑިއޭގޯ ޑަލޯއެވެ. ނަަމަވެސް ދެވަނަ ހާފަށް ނިކުމެ ލިޔޯނުންވަނީ 90 މިނެޓުގެ ކުރިން ދެ ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ދެ ގޯލު ޖަހައިދިނީ ކްރިސްޓިއަން ޓޮލީސޯއާއި ޓަގްލިއަފީކޯއެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެ، 4-4ގެ އެގްރިގޭޓުން ދެ ޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިޔޯނުން ދެ ގޯލު ޖަހައި ރަނގަޅު ލީޑެއް ނެގިއެވެ. މި ދެ ގޯލު ޖަހައިދިނީ ރްޔާން ޗަރކީ އާއި އެލެކްޒަންޑަރ ލަކަޒޭއެވެ. އިތުރު ވަގުތުގައި ލިޔޯންއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 90ވަނަ މިނެޓުގައި ޓޮލީސޯއަށް ރަތްކާޑެއް ދައްކާފައިވާތީ، ދިހަ ކުޅުންތެރިންނާއިއެކު އިތުރު ވަގުތު ކުޅެން ޖެހުމެވެ.
4-2 އިން ލިޔޯނުން ލީޑު ނަގާފައިވަނިކޮށް ދެވަަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ތިން ގޯލު ޖަހައި ލިޔޯން ރޮއްވާލާފައެވެ. މިގޮތުން ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް އެޓީމްގެ ތިންވަނަ ގޯލު ޖެހިއެވެ. ޔުނައިޓެޑް މެޗުން މޮޅުވީ ފަހު ވަގުތުކޮޅުގެ ދެ މިނެޓުގައި ދެ ގޯލު ޖަހާފައެވެ. ހަތަރުވަނަ ގޯލް ކޯބީ މައިނޫ ޖެހިއިރު، މެޗުން ޔުނައިޓެޑް މޮޅުވީ ހެރީ މެގުއާ ޖެހި ގޯލުންނެވެ.
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޔުނައިޓެޑްގެ އިތުރުން ދެން ޖާގަ ހޯދި ހަތަރު ޓީމަކީ އެތުލެޓިކް ބިލްބާއޯ، ޓޮޓެންހަމް ހޮޓްސްޕާ އާއި ނޯވޭގެ ބޯޑޯ ގްލިމްޓްއެވެ.