ކައުނަކީ ފުޅާވެ ބޮޑުވަމުންދާ ތަނެއް
އިންސާނުން ދިރިއުޅެމުން އަންނަ މި ކައުނު ފެށިގެން އައީ ބޮޑު ގޮވުމަކުންކަން މިއަދުގެ ސައިންސް ވަނީ ސާބިތުކޮށްދީފައެވެ. ކައުނު އުފެދިގެން އައި މި ގޮވުމަށް ސައިންސްވެރިން ދީފައިވާ ނަމަކީ 'ދަ ބިގް ބޭންގް' އެވެ. ނަމަވެސް މީގެ މާކުރިން ކީރިތި ޤުރުއާނުގައި މިވާހަކަ ބަޔާންކުރައްވާފައި ވާކަމުން ދޭހަވަނީ އެފޮތަކީ ދެމިގެންވާ މުޢުޖިޒާތެއްކަމެވެ.
ޤުރުއާނުގެ އަލް އަންބިޔާ ސޫރަތުގައި ވަނީ: "ހަމަކަށަވަރުން އުޑުތަކާއި ބިން އެކަތިގަނޑަކަށް ވެފައިވަނިކޮށް، ފަހެ، ތިމަން ރަސްކަލާނގެ އެ ދޭތި ވަކިކޮށްލެއްވިކަން ކާފަރުވީ މީހުން ނުދަންނަނީ ހެއްޔެވެ؟.." (އަލްއަންބިޔާ 30)
ކައުނު އުފެދުމަށްފަހު މިއަދާ ހަމައަށް އައިއިރުވެސް ކައުނު ދަނީ ހުއްޓުމެއްނެތި ފުޅާވެ ބޮޑުވަމުންނެވެ. މިކަމަކީ ވެސް ކުރިއަރާފައިވާ މިޒަމާނުގެ އިލްމުތަކުގެ އެހީގައި ދާދި ފަހަކުން ހޯދުނުކަމެކެވެ.
މީގެ 1400 އަހަރު ކުރިން މާތްވެގެންވާ ޤުރުއާން ބާވައިލެއްވުނު އިރު އިންސާނުންނަށް މިކައުނު ނުވަތަ 'ޔުނިވާރސް' އާއި ފަޒާގައިވާ ތަރިތަކާއި ބެހޭގޮތުން އެނގިފައި ވަނީ ވަރަށް ކުޑަ މިންވަރެކެވެ. އެފަދަ ޒަމާނެއްގައި އިންސާނުން ދިރިއުޅެމުން މިދާ ކައުނަކީ ހެދިބޮޑުވެ ނުވަތަ ފުޅާވަމުންދާ ތަނެއްކަމުގައި ބުނެދޭން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ އެވެ.
އެހެންނަމަވެސް އެ ޒަމާނުގައި ޢަރަބިކަރައިގެ ޞަޙަރާގައި އުޅުއްވި ރަސޫލު ބޭކަލެއް ކަމުގައިވާ މުޙަންމަދު ޞޮއްލަﷲ ޢަލައިހި ވަސައްލަމް އަށް ﷲ ބާވައިލެއްވި ޤުރުއާނުގައި ބަޔާންވެގެންވަނީ މިއަންނަނިވި ފަދައިންނެވެ.
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ (الذَّارِيَات ﴿٤٧﴾
"ތިމަން ރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ." (ސޫރަތުއްޛާރިޔާތު 47)
މި އާޔަތުގައި ބަޔާންވެފައި މިވާ سماء، 'އުޑު'، މިއީ ކައުނަށް ނުވަތަ ފަޒާއަށް އިޝާރާތްކުރައްވައި ޤުރުއާނުގެ ވަރަށް ގިނަ ތަންތަނުގައި ބަޔާންވެގެން އައިސްފައިވާ ލަފްޒެއްކަން އެނގެއެވެ. މިތަނުގައި ވެސް މި ލަފްޒު ބޭނުންކުރެވިފައި މިވަނީ ކައުނުގެ މާނައިގައެވެ. މިހެންކަމުން މިތަނުގައި ބަޔާންވެފައި މިވަނީ ކައުނު ހުއްޓުމެއްނެތި ފުޅާކުރައްވަމުން ގެންދަވާ ވާހަކައެވެ. ޢަރަބި ބަހުގައިވާ، موسعون މި ލަފްޒާއި ގުޅިގެން إنالموسعون އައިސްފައިވާ ވުން ތަރުޖަމާކުރެވޭގޮތަކީ "ތިމަން ﷲއީ ތާއަބަދު އެތަން ބޮޑު މިންވަރަކަށް ފުޅާކުރައްވަމުން ގެންދަވާ އިލާހެވެ." ބަޔާންވެދިޔަ ދެ ލަފްޒު ވެސް ނެގިފައިވަނީ ޢަރަބި ބަހުގެ ފިޢުލެއްކަމުގައިވާ أوسع އިންނެވެ. މީގެ މާނައަކީ ތަނަވަސްކުރެއްވުން ނުވަތަ ފުޅާކުރެއްވުމެވެ. މިހެންކަމުން ޤުރުއާނުގައި لموسعون އައިސްފައިވުން ދޭހަކޮށްދެނީ ކައުނު ފުޅާކުރައްވަމުންދަނީ ވަރަށް ބާރު ދުވެއްޔެއްގައި ކަމެވެ. އެހެންވީމާ، ބަޔާންވެދިޔަ إنالموسعون ގެ މާނައަކީ 'އުޑު ނުވަތަ ކައުނު ހިސާބެއް ނެތްހާ ބޮޑަށް ފުޅާކުރައްވަމެވެ.' މިކަމަކީ މިއަދުގެ ސައިންސް ޤަބޫލުކޮށްފައިވާ ޙަޤީޤަތެކެވެ.
މީލާދުން 20ވަނަ ޤަރުނު ފެށިގެން އައިކޮޅުމަތީ ސައިންސް ޢިލްމުވެރިންނަށް ހީވެފައި އޮތީ، އިންސާނުން ދިރިއުޅެމުންމިދާ ކައުނަކީ ފެށުމެއް އަދި ނިމުމެއް ނުވާ، އަބަދުވެސް ދެމިއޮތް ތަނެއްކަމަށެވެ. އެހެންނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތަކާއި ވަސީލަތްތަކުގެ އެހީގައި ކުރެވިފައިވާ ދިރާސާތަކުން އެނގިގެން ގޮސްފައި ވަނީ ކައުނަކީ ފެށުމެއްވާ ތަނެއްކަމާއި ކައުނު ދަނީ ހުއްޓުމެއްނެތި ފުޅާވަމުންކަމެވެ.
މީލާދުން 20ވަނަ ޤަރުނުގެ ކުރީކޮޅު ރަޝިޔާގެ ފިޒިކްސް ޢިލްމުވެރިއެއް ކަމުގައިވާ 'އެލެކްޒަންޑަރ ފްރީޑްމަން' އާއި ބެލްޖިއަމްގެ ކޮސްމޮލޮޖިސްޓް 'ޖޯޖަސް ލެމައިޓަރ' ވަނީ ހިސާބު ޢިލްމުގެ އަލީގައި ކުރެވުނު ދިރާސާތަކަކުން މިކައުނަކީ ދައުރުވަމުން އަދި ފުޅާވަމުންދާ ތަނެއްކަމުގައި ސާބިތުކޮށްދީފައެވެ.
1929ވަނަ އަހަރު އެމެރިކާގެ ފަލަކީ ޢިލްމުވެރިއެއް ކަމުގައިވާ އެޑްވިން ހަބްލް ވަނީ ތަރިތައް ބަލައިގެން މިބައިމީހުންގެ މި ހޯދުން މުޅިން ޔަޤީންކޮށްދީފައެވެ. އާދަޔާ ޚިލާފު ބޮޑު ޓެލެސްކޯޕެއް ބޭނުންކޮށްގެން ފަޒާގެތެރެ ހޯދާބަލަމުން ދަނިކޮށް، ހަބްލްއަށް އެނގުނީ ކައުނުގައިވާ ތަރިތަކާއި މަޑިކިލަނބުތައް ދަނީ އަބަދުވެސް އެކަތި އަނެކައްޗާ ދުރަށް ދަތުރުކުރަމުންކަމެވެ. މި އާ ހޯދުމާއިމެދު ބެލެވެނީ ފަލަކީ ޢިލްމުގެ ތާރީޚުގައި މިހާތަނަށް ހޯދުނު އެންމެ މޮޅު ހޯދުންކަމުގައެވެ. މި ހޯދުމުގެ ތެރޭގައި ހަބްލް ފާހަގަކޮށްފައި ވަނީ ތަރިތަކުން ރަތްކުލައަކަށް ބަދަލުވަމުންދާ އައްޔެއް އެތަކެތި ހުރި ދުރުމިން ނުވަތަ ކައިރިމިނުގެ ގޮތުން ފޮނުވަމުންދާކަމެވެ. އެނގިފައިވާ ފިޒިކްސްގެ ޤާނޫނު ބުނާގޮތުން އަލި އެކުލެވޭ އެއްޗެއް ބަލަން ހުންނަ ހިސާބާ ގާތަށް ދުރުން ދަތުރުކޮށް އަންނަނަމަ އެ އަލި ފަނޑު ދަނބުކުލައަކަށް ބަދަލުވާނެ އެވެ. ނަމަވެސް އެފަދައިން ދަތުރުކުރަމުންދާ އެއްޗެއް ދުރަށް ދަތުރުކުރަމުންދާނަމަ އޭގައިވާ އަލި ފަނޑު ރަތްކުލައަކަށް ބަދަލުވާނެ އެވެ. ހަބްލްއަށް އޭނާގެ ހޯދުންތަކުން އެނގިފައިވަނީ ހުރިހާ ތަރިތަކުން ވެސް ފޮނުވަމުންދަނީ ފަނޑު ރަތްކުލައެއްކަމެވެ. ކުރުގޮތަކަށް ބުނާނަމަ، ހުރިހާ ވަގުތެއްގައި ވެސް ތަރިތައް ދަނީ ދުނިޔެއާއި ދުރަށް ދަތުރުކުރަމުންނެވެ. އަދިވެސް އެނގުނު ގޮތުގައި ތަރިތަކާއި މަޑިކިލަނބުތައް ހަމައެކަނި އަހުރެމެންނާ ދުރަށް ދަތުރުކުރަނީއަކީ ނޫނެވެ. އެތަކެތި އެކަތި އަނެކައްޗާ ވެސް ދަނީ ދުރަށް ދަތުރުކުރަމުންނެވެ. ކައުނުގައިވާ ހުރިހާ އެއްޗެއް ވެސް އަބަދުހެން އެކަތި އަނެކައްޗާ ދުރުވަމުންދާދިޔުން ދޭހަކޮށްދެނީ ކައުނު ހުރިހާ ވަގުތެއްގައި ވެސް ދަނީ ފުޅާވަމުންކަމެވެ. އެޑްވިން ހަބްލްގެ މި ހޯދުމަށްފަހު ހިނގައިދިޔަ އެތަކެއް އަހަރުތަކެއްގެ ތެރެއިން ކުރެވުނު ދިރާސާތަކުން ހާމަވެގެން ގޮސްފައިވަނީ ކައުނު އަބަދުވެސް ދަނީ ފުޅާވެ ބޮޑުވަމުންކަމެވެ.
މިކަން ހިނގަމުންދާގޮތް ތަންކޮޅެއް ސާފުކޮށް ދެނެގަންނަން ބޭނުންނަމަ، ފުއްޕާ ހަމެއް ފުއްޕަމުންދާއިރު އޭގެ މަތީ ފަށަލާގައިވާ ތިކިތަކަށް ބަލަން ހުރުމުން އެނގިގެންދާނެ އެވެ. ހަން ފުއްޕަމުން ދާވަރަކަށް ތިކިތައް އެކަތި އަނެކައްޗާ ދުރުވަމުންދެއެވެ. ހަމައެފަދައިން، ކައުނު ފުޅާވަމުން ދާވަރަކަށް އުޑުގައިވާ ތަރިތަކާއި، ޕްލެނެޓްތައް އަދި ގެލެކްސީތައް ވެސް އެކަތި އަނެކައްޗާ ދަނީ ދުރުވަމުންނެވެ.
އަލްބަރޓް އައިންސްޓައިން އަކީ 20ވަނަ ޤަރުނުގައި ދުނިޔެއަށް ފާހަގަކުރެވުނު މޮޅު ސައިންސް ޢިލްމުވެރިންގެ ތެރެއިން ހިމެނު މީހެކެވެ. އޭނާ ވެސް ވަނީ ތިޔަރީއެއްގެ ސިފައިގައި ކައުނު ދަނީ ފުޅާވަމުން ކަމުގައި ހޯދާފައެވެ. އައިންސްޓައިން އަށް މިކަން ހޯދައިގަނެވުނު ދުވަސްވަރު ދުނިޔޭގެ މީހުން ޤަބޫލުކުރަމުންދިޔައީ ކައުނަކީ އުފެދުނުއިރު ވެސް އެއް ބޮޑުމިނެއްގައި އޮތްތަނެއް ކަމަށެވެ. އަދި ކައުނުގެ ކުޑަބޮޑު މިނަށް ދުވަހަކުވެސް ބަދަލެއް ނާންނާނެކަމަށެވެ. މި ވިސްނުމާއި ޚިލާފުވެދާނެކަމުގެ ބިރުގައި އައިންސްޓައިން ވަނީ އޭނާގެ ހޯދުން ދުނިޔެއަށް ހާމަނުކޮށް ބާއްވާފައެވެ. މިކަމާއި ގުޅިގެން ފަހުން އައިންސްޓައިން ބުނެފައި ވަނީ އެފަހަރު އެކަން ހާމަނުކޮށް ބޭއްވުނު ބޭއްވުން އެއީ އޭނާގެ ޙަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސްކަމުގައެވެ.
ކައުނަކީ ފުޅާވަމުންދާ ތަނެއްކަމަށް ޤުރުއާނުގައި ބަޔާންވެގެން އައި ޒަމާނުގައި ދުނިޔެއަކު ފަޒާގެތެރެ ހޯދައި ބަލާނެ ޓެލެސްކޯޕް އުފެއްދިފައެއް ނެތެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ އާލާތްތަކާއި ޢިލްމުތައް ތަރައްޤީ ވެފައެއް ވެސް ނެތެވެ. އޭރު އެފަދަ ސާމާނުތައް އުފެއްދޭނެ ޒަމާނެއް ވެސް މީހަކަށް އެނގިގެންނުވެއެވެ. މިހެންކަމުން، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ޤުރުއާނަކީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ الله ބާވައިލެއްވި ފޮތެއްކަމާއި އަދި އެއީ އެ އެކަލާނގެ ވަޙީ ބަސްފުޅުކަމެވެ.