30 ޖުލައި 2025

Advertisement

ވިލާތުގެ ޤައުމުތަކުން ރަޝިޔާއާއި ހަނގުރާމައަށް ތައްޔާރުވަނީ

ޔޫކްރެއިން ހަނގުރާމަ ފެށެންޖެހުނު ސަބަބުތައް ގުޅިފައި ވަނީ ހުޅަނގު ދުނިޔޭގެ ޢަސްކަރީ އިއްތިޙާދު ނޭޓޯއާކަމުގައި ވާއިރު މި ހަނގުރާމައަކީ ރަޝިޔާއާއި ޔޫރަޕްގައިވާ ވިލާތުގެ އިއްތިޙާދުގެ ނުފޫޒުގަދަ ޤައުމުތަކާއި ދެމެދު ހިނގަމުންދާ ހަނގުރާމައަކަށް ބަދަލުވާން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފަށައިފި އެވެ. މިކަން އެނގެމުންދަނީ ހަނގުރާމައިގައި ޔޫކްރެއިން ބަލިވަމުންދާއިރު ވެސް ރަޝިޔާގެ އެތެރޭގެ ތަންތަނަށް އަމާޒުކޮށް ޔޫކްރެއިންގެ ބިމުން ފޮނުވާލެވޭ މިސައިލާއި ޑްރޯންތައް އެ ޤައުމަށް ފޯރުކޮށްދީ އެތަކެތި އަމާޒަށް އުދުއްސަމުން ދަނީ ނޭޓޯގެ މެންބަރު ޤައުމުތަކުގެ ޢަސްކަރިއްޔާއިން ކަމުގައި ވާތީ އެވެ. ވިލާތުގެ ޤައުމުތަކުން ޤަބޫލުކުރާގޮތުގައި ޔޫކްރެއިން ބަލިވެގެން ހަނގުރާމަ ނިމިއްޖެނަމަ ރަޝިޔާއިން ވިލާތުގެ ގިނަ ޤައުމުތަކެއް އަޅުވެތިކުރާނެ އެވެ. މިހެންކަމުން މި ހަނގުރާމަ އަވަސްގޮތަކުން ނިމިއްޖެނަމަ ގެއްލޭނީ ޔޫކްރެއިންގެ ބިމުން ރަޝިޔާއިން ހިފާފައިވާ ސަރަހައްދުތައް އެކަނި ނޫންކަމަށް ވިލާތުގެ އިސްތިޙާދުން ޤަބޫލުކުރެއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ޔޫކްރެއިންއާއި ރަޝިޔާއާއި ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް އަލުން ފަށަން ތައްޔާރުވެފައި ވަނިކޮށް ރަޝިޔާގެ ދެ ބްރިޖަކަށް ބޮމުން ހަމަލާދީ ވަނީ ގޮއްވާލާފަ އެވެ. ޔޫކްރެއިންއާއި ޤާތުގެ ސަރަހައްދުތަކުގައިވާ ބުރިޔާންސްކްއާއި ކުރުސްކްގެ ދެ ބްރިޖް ގޮއްވާލުމުގެ ސަބަބުން ރަޝިޔާގެ ހަތްމީހުން މަރުވެ އެތަކެއް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. މިއީ ރަޝިޔާގެ އެތެރޭގައި ތިބި ބަޔަކުލައްވާ ކުރުވާފައިވާ ކަމެއްކަމަށް މިކަން ތަޙުޤީޤުކުރާ ކޮމިޓީން ވަނީ ބުނެފަ އެވެ. މި ހާދިސާ ހިނގާފައިވާ ދުވަހުގެ ފަހުކޮޅު ރަޝިޔާގެ ބޮންއަޅާ މަތިންދާބޯޓުތައް ހުރި ޢަސްކަރީ ވައިގެ މަރުކަރުތަކުގެ ތެރެއިން ހަތަރު ތަނަކަށް ވަނީ ކަމިކާޒީ ޑްރޯންތައް ބޭނުންކޮށްގެން ހަމަލާދީފަ އެވެ. ރަޝިޔާގެ އުތުރުގައިވާ މުރުމާންސްކް ސަރަހައްދުގެ އިވަނޯވޯއާއި، ހުޅަނގު ބިތުގައިވާ ރަޒާންއާއި، ސައިބީރިޔާގެ އިރުކުޓްސްކްއާއި އެންމެ އިރުމަތީގައިވާ އަމޫރު ކިޔާ ސަރައްދުގައިވާ ޢަސްކަރީ ވައިގެ މަރުކަޒުތަކަށް ވަނީ ހަމަލާދީފަ އެވެ. ބްރިޔާންސްކްއާއި ކުރުސްކްގައި ޢާންމު ދިރިއުޅުމަށް ބޭނުންކުރަމުންދާ ރެއިލްވޭއަކަށް ބޮމުން ހަމަލާދިނުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިކަމާ ވިއްދާފައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ އެތެރޭގެ ތަންތަނަށް ބެލެސްޓިކް މިސައިލުން ހަމާތައްދީފަ އެވެ. ރަޝިޔާގެ އެތެރޭގެ ތަންތަނަށް ދީފައިވާ ހަމަލާތަކާއި ގުޅިގެން ޢަސްކަރިއްޔާގެ ފަރާތުން ބުނެފައި ވަނީ މި "ޓެރަރިސްޓް ހަމަލާތަކުގެ" ޒިންމާނަގަންޖެހޭ ފަރާތަކީ ޔޫކްރެއިންގެ ޚުދުމުޚުތާރު ވެރިޔާ ވޮލޮޑިމީރު ޒެލެންސްކީގެ ސަރުކާރުކަމުގައެވެ. މި މައްސަލައާއި ގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރު ސާރގޭ ލަވްރޯވް ވިދާޅުވެފައި ވަނީ ޔޫކްރެއިނުން މިފަދަ ކަންތައްތައް ކުރަމުން މިދަނީ ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ.

ޔޫކްރެއިން ހަނގުރާމަ ނުރައްކާތެރި އިތުރު މަރުޙަލާއަކަށް ބަދަލުވާން ފަށާއި ވަނީ ޖަރުމަންވިލާތާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ރަޝިޔާގެ އެތެރޭގެ ތަންތަނަށް ހަމަލާދިނުމަކީ މައްސަލައެއް ނޫންކަމަށް ނިންމާފައި ވާތީ އެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރެޑްރިކް މާރޒް ވިދާޅުވެފައި ވަނީ ޔޫކްރެއިނަށް ފޯރުކޮށްދެވޭ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެތެރޭގެ ތަންތަނަށް ހަމަލާދިނުމުގައި ވަކި ދުރުމިނެއް އަދި ވަކިމިންގަނޑެއް ނޯންނާނެކަމުގައެވެ. ޖަރުމަން ޓީވީ ސްޓޭޗަނެއްގައި އޮތް ފޯރަމެއްގައި ވާހަކަދައްކަވަމުން މާރޒް މިހެންވިދާޅުވެފައި ވާތީ މި ބަޔާނަކީ ރަޝިޔާއާއި ސިދާގޮތެއްގައި ހަނގުރާމަކުރަން ފަށައިގަތުމުގެ ފެހި ސިގްނަލްކަމަށް ބައެއް މުޙައްލިލުން ވަނީ ވިދާޅުވެފަ އެވެ. މިހެންކަމުން ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ރަޝިޔާއާއި ޖަރުމަނުވިލާތުގެ ގުޅުން މިހާތަނަށް ގޯސްވެފައި ނުވާ މިންވަރަށް ވަނީ ގޯސްވެފަ އެވެ. ޖަރުމަނުވިލާތުގެ ޓޯރަސް މިސައިލްތައް ޔޫކްރެއިންއަށް ފޮނުވަން މާރޒްގެ ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. ޔޫކްރެއިނުން މި ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ މޮސްކޯއަށް، ސެންޓްޕީޓަރސްބާގްއަށް ނޫނީ ވޮލްގޮގްރާޑްއަށް ހަމަލާދީފިނަމަ ރަޝިޔާއިން ރައްދުގައި ޖަރުމަނުވިލާތުގެ އެތެރޭގެ ތަންތަނަށް ހަމަލާދޭނެކަމަށް މަޝްހޫރު އެނަލިސް ޖޯޖް ގެލޮވޭ ވަނީ ވިދާޅުވެފަ އެވެ. މިހެން ވެއްޖެނަމަ ޖަރުމަނުވިލާތުގެ ދިފާއުގައި ނޭޓޯގެ ހުރިހާ މެންބަރު ޤައުމުތަކުން ޢަސްކަރީ ފިޔަވަޅުއަޅަން ގޮވާލެވޭނެ އެވެ. ނޭޓޯ މުޢާހަދާގެ މާއްދާ 5ގައި ބަޔާންވެފައި ވަނީ އިއްތިޙާދުގައި ހިމެނޭ އެންމެ މެންބަރު ޤައުމަކަށް ނޭޓޯގައި ނުހިމެނޭ ޤައުމަކުންދޭ ޢަސްކަރީ ހަމަލާއަކީ މުޅި އިއްތިޙާދަށް ދެވޭ ހަމަލާއެއްކަމުގައެވެ. ނަމަވެސް ހަމަލާގެ ޝިކާރައަކަށްވީ ޤައުމުގެ ދިފާއުގައި ހަމަލާދިން ޤައުމާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅުއެޅުން އޮންނާނީ ހުރިހާ މެންބަރު ޤައުމުގެ އިއްތިފާޤުން އެކަން ފާސްވެއްޖެނަމަ އެވެ. އެއްވެސް ޤައުމަކުން ވީޓޯކޮށްފިނަމަ އެކަން ނުކުރެވޭނެ އެވެ. ޢަސްކަރީ ފިޔަވަޅުއަޅަން ފާސްވިކަމުގައި ވިއަސް އެކަން އޮންނާނީ ވަކިވަކި މެންބަރު ޤައުމުތަކުގެ އިޚްތިޔާރަށް އެކަން ދޫކޮށްލެވިފަ އެވެ. މިހެން މިކަން އޮތުމުން ޗާންސެލަރ މާރޒް އެ ހީކުރައްވާފަދައިން ނޭޓޯއިން ޖަރުމަނުވިލާތުގެ ދިފާއުގައި ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ފެށުމަކީ ފަހަރުގައި ނުވެދާނެ ގޮތެކެވެ.

Advertisement

ރަޝިޔާއާއި ހަނގުރާމަކުރަންޖެހޭނެ ވަގުތު އަންނާނެކަމަށް އިނގިރޭސިވިލާތުން ޤަބޫލުކުރާތީ އެކަމަށް ތައްޔާރުވާން ބޮޑުވަޒީރު ކައިރް ސްޓާމާރގެ ސަރުކާރުން ރައްޔިތުންނަށް ގޮވާލައިފި އެވެ. އިނގިރޭސި ބޮޑުވަޒީރު ސްޓާމާރ އާއި ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެކްރޯންއާއި ދެބޭފުޅުންގެ ވިސްނުންހުރީ ޔޫކްރެއިންގެ ތެރެއަށް ނޭޓޯ ސިފައިންގެ ލަޝްކަރުތައް ފޮނުވުމުގެ މައްޗަށެވެ. ރަޝިޔާއިން ބުނެފައި ވަނީ މިފަދަ ފިޔަވަޅެއް އަޅައިފިނަމަ ނޭޓޯއާއި ރަޝިޔާއާއި ދެމެދު ސީދާ ޢަސްކަރީ ކުރިމަތިލުމަކަށް ދާނެކަމުގައެވެ. އިނގިރޭސިވިލާތުން ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ހަތިޔާރު އުފައްދަން 8 ބިލިޔަން ޔޫއެސް ޑޮލަރުގެ މިންވަރެއް ވަނީ ކަނޑައަޅާފަ އެވެ. އިނގިރޭސި ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ވިދާޅެވެފައި ވަނީ ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި ހަތިޔާރު އުފައްދާ 6 ކާރުޚާނާ ޤާއިމުކުރެވޭނެކަމަށެވެ. މިއީ އިނގިރޭސިވިލާތް އޮތީ ނުގުޑާފަދަ ޢަޒުމެއްގައިކަން ދެއްކުމުގެ ގޮތުން ރަޝިޔާއަށްދޭ އިންޒާރެއްކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

Advertisement

ކޮމެންޓް