13 ޖޫން 2025

Advertisement

ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިން: ފިރުޢައުނު ޣަރަޤުކުރެއްވުން

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނާށް ތަބައުވީ ބަނީ އިސްރާޢީލުންގެ މީސްތަކުން ފިރުޢައުނުގެ އަނިޔާއިން ސަލާމަތްކުރައްވާފައެވެ. އެބައިމީހުން ފައިމަގުގައި ކަނޑު ހުރަސްކޮށް ފިރުއައުނުގެ ކިބައިން ސަލާމާތްކުރެއްވި ގޮތުގެ ވާހަކައަކީ ޤުރުއާނުގައި ވެސް ބަޔާންވެގެންވާ ވާހަކައެކެވެ. ޤުރުއާނުގައި މިހެން އޮތްނަމަވެސް އެ ފޮތަކީ ﷲ ބާވާލެއްވި ފޮތެއްކަން ޤަބޫލުނުކުރާ މީހުން އެއީ މާކުރީގެ ފުލޯކް ވާހަކައެއްކަމުގައި ބުނެ އުޅެއެވެ.

ނަމަވެސް ދާދިފަހުން ހޯދުނު އައު ހޯދުންތަކަކުން ވަނީ ޤުރުއާނުގައި ބަޔާންވެފައިވާ އެ ބޮޑު މުޢުޖިޒާތް ހިނގިކަމުގެ ތާރީޚީ އަދި ޢިލްމީ ހެކިތައް ހޯދިފައެވެ.

މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނަށް ބާވައިލެއްވި ރިސާލަތައިގެން ފިރުޢައުނާއި އޭނާގެ މީސްތަކުންގެ ގާތައް ވަޑައިގަތެވެ. އެހިނދު އެބައިމީހުން ބުނިކަމުގައި ވަނީ: "މިއީ މޮޔައެކެވެ. ސިހުރުވެރިއެކެވެ. އަދި ފަސާދަކުރާ މީހެކެވެ." ދެން ފިރުޢައުނާއި މިޞުރުގެ މީސްތަކުން އީމާން ނުވެ ބޮޑާވެގަތެވެ. އެހިނދު ﷲ މޫސާގެފާނަށް އެންގެވި އެވެ. "... ކަލޭގެފާނު ތިމަން ރަސްކަލާނގެ އަޅުންނާއިގެން ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، ފިރުޢައުނާއި އޭނާގެ ލަޝްކަރު ދާނެތެވެ.)"

Advertisement

ދެން ފިރުޢައުނު މޫސާގެފާނާއި ބަނީ އިސްރާޢީލުންގެ މަގަށް ހުރަސްއެޅުމަށް ގޮސް އަރާހަމަކުރީ މިޞުރުގެ ސީނާ ނަމަކަށް ކިޔުނު ސަޙަރާގެ ތެރެއިން ކަނޑުގެ އައްސޭރިއާއި ދިމާލުންނެވެ. މިހާރު ކިޔާގޮތަށްނަމަ އެ ހިސާބުގައިވާ ގަލްފް އޮފް ޢަޤަބާއާއި ވީ ފަރާތު ކަނޑުގެ އައްސޭރިފަށުންނެވެ. ޢަޤަބާ ކަނޑުގެ އަނެއް ފަރާތުގައި ވަނީ ސައުދީ ޢަރަބިއްޔާގެ ބިމެވެ. އެ ކަނޑުގެ ދެކުނު ފަރާތް ހުޅުވިފައި އޮތީ ރަތްކަނޑަށެވެ. ދެން ކަންތައް ވެގެންދިޔަ ގޮތް ޤުރުއާނުގައި ބަޔާންވެގެންވަނީ އަންނަނިވިފަދައިންނެވެ.

"ފަހެ ތިމަން ރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެ އެވެ. އެއިން ކޮންމެ ބައެއް ބޮޑު ފަރުބަދައެއް ފަދައިންވިއެވެ. ތިމަން ރަސްކަލާނގެ އަނެއްބައިމީހުން ( އެބަހީ: ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން) އެތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ މުސާގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (ޣަރަޤުން) ސަލާމަތްކުރެއްވީމެވެ. ދެން ތިމަން ރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފަރުން) ޣަރަޤުކުރެއްވީމެވެ." {سورة الشعراء 63-66}

މާތްވެގެންވާ ޤުރުއާނުގައި ބަޔާންވެގެންވާ މި ވާހަކައަކީ ތެދު ޙަޤީޤަތެއްކަން ދާދި ފަހަކުން އަލަށް ހޯދުނު މިޞުރުގެ ޤަދީމީ ފަތްފުއްތަކުން ވަނީ ކަށަވަރުކޮށްދިފަ އެވެ. ފިރުޢައުނުގެ ޒަމާނުގައި ލިޔެވުނު ޕަޕައިރަސްގެ ރެކޯޑްތަކުގައި ވަނީ އަންނަނިވި ފަދައިންނެވެ.

"އަމެނަމޮނީގެ ފަރާތުން ގަނޑުވަރުގެ ހުދުކޮޓަރީގައި ފޮތްތައް ބަލަހައްޓާ އިސް ކާތިބަށް ލިޔެ އަންގަމެވެ. މި ސިޓީ ތިބާއާއި ހަމައަށް ފޯރައި، މީގައިވާ އެއްޗެއް އަކުރުން އަކުރަށް ކިޔައިފިހިނދު، ދެން ތިބާގެ ހިތް ފުން ހިތާމައާއި މޮޅިވެރިކަމަށް ޖާގަދޭހުށިކަމެވެ. ތޫފާނެއްގެ ތެރޭގައި ބުރައިގެންދާ ފަތެއްފަދައިން، ހިތާމައިން ފުރިގެންވީ ކާރިޘާއެއްގައި ކަނޑުގައި އެނބުރޭ އޮއިވަރުގެ ތެރެއަށް ޣަރަޤުވެ ނިމިއްޖެ އެވެ. މުސީބާތް އައިސް ލައިގަތީ ހަމަކުއްލިޔަކަށެވެ. އެއަކުން ރެކިގަނެވޭނެ ހަމަ އެއްވެސް ގޮތެއް ނުވެ އެވެ. ޤަބީލާތަކާއި، އިރުމައްޗާއި ހުޅަނގުގެ ރަސްގެފާނު އަދި އޭނާގެ ބޮޑުންގެ މީސްތަކުން ނެތިކުރެއްވިގޮތް ލިޔެ ބަޔާންކޮށްފައި އޮންނަހުށިކަމެވެ. ފެންގަނޑެއްގެ ތެރޭގައި އެއްވެސް އާރެއް ބާރެއްނެތި ބީތާވެފައި ތިބެންޖެހުނު ފަދައިން ކަންހިނގީ ގަދަފަދަ އެހެން ބާރަކުންނެވެ. އަހުރެން މި ފޮނުވި ޚަބަރާ އަޅާކިޔޭނެ އެހެން ބޮޑު ޚަބަރެއް ފަހެ ވޭބާވަ އެވެ؟"

މޫސާ ޢަލައިހިއްސަލާމް އާއި ބަނީ އިސްރާޢީލުންގެ ފަހަތުން ފިރުޢައުނު ދަތުރުކޮށް ދިޔައިރު އަރައިގެން އިން ޗެރިއޮޓް ނުވަތަ އަސްގާޑިޔާ އާކިއޮލޮޖިސްޓުން ވަނީ ހޯދާފައެވެ. މި ސަވާރީ ފެނިފައިވަނީ ކަނޑު ދެބައިވެގެންދިޔަ ހިސާބުން އައްސޭރިފަށް ކޮނުމުގެ ތެރެއިންނެވެ. މިއަދު މި ޗެރިއޮޓް ވަނީ މިޞުރުގެ ދާރުލްއާޘާރުގައި ދައްކާލުމަށް ބެހެއްޓިފައެވެ.

މޫސާގެފާނާއި ބަނީ އިސްރާޢީލުން ރަތްކަނޑު ހުރަސްކޮށް ދިޔަ ހާދިސާއަކީ އެކަމުގެ މައްޗަށް މިއަދު އެތަކެއް ދިރާސާތައް ކުރެވިފައިވާ ކަމެކެވެ. މިއަދު އާކިއޮލޮޖިސްޓުން ވަނީ މޫސާގެފާނު ދަތުރުކުރެއްވި މަގު ހޯއްދެވުމުގެ އިތުރުން، ފިރުޢައުނުގެ ސިފައިން އައިސް އެކަލޭގެފާނަށް ހުރަސްއެޅި ހިސާބުވެސް ހޯދާފައެވެ.

ރަޝިޔާގެ ފިޒިކްސް ޢިލްމުވެރިން ކަމުގައިވާ ނައުމް ވޮލްޒިންގާ އާއި އެލެކްޒެއި އެންޑްރޮސޯވް ވަނީ މޫސާ ޢަލައިހިއްސަލާމް ކަނޑު ދެފަޅިކުރައްވައި ވަޑައިގަތްކަމުގެ މައްޗަށް އާ ޢިލްމީ ދިރާސާއެއް ހާމަކޮށްފައެވެ. މިހެންކަމުން މިއީ ނުހިނގާކަމެކޭ ބުނެވޭނެ އެއްވެސް ޖާގައެއް މިއަދަކު ނެތެވެ. އެ ދިރާސާގައި ދެ ސައިންސް ޢިލްމުވެރިން ބަލާފައި ވަނީ އެ ސަރަހައްދުގެ ގިއޮގްރަފީ މިހާރު އޮތްގޮތާއި، އެޒަމާނުގައި އެތަން އޮތްގޮތްކަމަށް ކަށަވަރުކުރެވޭ ގޮތާއި، ކަނޑުގެ އެ ހިސާބުގެ ތިލަފުންމިނާއި، އެކި ވަގުތުތަކުގައި ދިޔަވަރަށް އަންނަ ބަދަލާއި، ވައިޖެހޭ މިސްރާބާއި ބާރުމިނަށެވެ.

ޤުރުއާން ބާވައިލެއްވުމުގެ މާ އިހުޒަމާނުގައި ހިނގާފައިވާ މިފަދަ ހާދިސާތައް، އެފޮތުގައި ބަޔާންވެގެންވާ ފަދައިން މިއަދުގެ އާ ހޯދުންތަކުގެ އަލީގައި ސާބިތުކުރެވެމުން ދާކަމީ ޔަޤީނުންވެސް އަޖާއިބެކެވެ.

މިފަދަ އެންމެހާ ކަމަކުން ހާމަވެގެން ދަނީ، ﷲ އެކަލާނގެ ނަބިއްޔާ މުޙަންމަދު صلى الله عليه وسلمގެ މައްޗަށް ބާވައިލެއްވި ޤުރުއާނުގެ ތެދުކަމާއި، އެފޮތަކީ ދެމިގެންވާ މުޢުޖިޒާތެއްކަމެވެ.

Advertisement

ކޮމެންޓް