22 ނޮވެމްބަރު 2024

Advertisement

ނޯރޯވައިރަސް

12 އޮކްޓޯބަރު 2023

ނޯރޯވައިރަސް ދުނިޔޭގައި އެންމެ ފުރަތަމަ ފެތުރުނުކަން ފާހަގަކުރެވިފައިވަނީ 1972 ވަނަ އަހަރު އެމެރިކާގެ އޮހާޔޯގެ ނޯވޯކް ސިޓީގައެވެ. މި ސަބަބާހުރެ އެންމެ ފުރަތަމަ ނޯރޯވައިރަސްއަށް ކިޔައި އުޅުނު ނަމަކީ "ނޯވޯކް ވައިރަސް" އެވެ. ނޯރޯވައިރަސް އަކީ ހޮޑުލުމާއި ބޭރަށް ހިންގުން ޖައްސާ އެންމެ އާންމު ވައިރަސްއެވެ. މި ވައިރަސް އެންމެ ފަސޭހައިން ފެތުރެނީ ކާބޯތަކެތީގެ ސަބަބުންނެވެ. ނޯރޯވައިރަސްގެ އެކި ވައްތަރުތައް ހުރެ އެވެ. މީގެ އެއް ވައްތަރެއްގެ ވައިރަސް ޖެހުނަސް އަނެއް ވައްތަރެއްގެ ވައިރަސް ވެސް ޖެހެއެވެ. ނަމަވެސް އެއްވައްތަރެއްގެ ވައިރަސް ޖެހުމަށް ފަހު ހަމަ އެ ވައްތަރުގެ ވައިރަސް ޖެހުމުން ހަށިގަނޑު ދިފާޢުކޮށްދެއެވެ.

ނޯރޯވައިރަސް ފެތުރުމަށް ހުޅަނގުގެ ޤައުމުތަކުގައި "ވިންޓަ ވޮމިޓިން ބަގް" އޭ ވެސް ކިޔަ އެވެ. އެއީ މި ވައިރަސް އާންމުކޮށް ފެތުރެނީ ފިނި މޫސުމުގައި ކަމަށްވާތީއެވެ. ނަމަވެސް މިއީ ހުރިހާ މޫސުމެއްގައި ވެސް ފެތުރޭ، ގަދަ ހޫނާއި ގަދަ ފިނީގައި ވެސް މަރު ނުވެ ހުންނަ ވައިރަސް އެކެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ މި ރޯގާއަށް ފުޑް ޕޮއިޒަނިން ނުވަތަ ކާނާ ވިހަވުމޭ ވެސް ކިޔައެވެ. ނަމަވެސް މިއީ ހަމައެކަނި ކާނާގެ ސަބަބުން ފެތުރޭ ވައިރަސްއެއް ނޫނެވެ.

ނޯރޯވައިރަސް ޖެހޭ މީހުންނަށް ބަލީގެ އުނދަގޫތައް ވާން ފަށަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ ދުވަހެއް ނުވަތަ ދެ ދުވަހެއްގެ ތެރޭގައެވެ. މި ވައިރަސްގެ އާންމު އަލާމާތްތަކަކީ ބޯއެނބުރުމާއި، ހޮޑުލުމާއި، ބަނޑުގައި ރިއްސުމާއި، ބޭރަށްހިންގުމެވެ. ހޮޑުލުން އާންމުކޮށް ކުރިމަތިވަނީ ކުޑަކުދިންނަށެވެ. ބޭރަށް ހިންގުން އާންމުކޮށް ދިމާވަނީ ބޮޑެތި މީހުންނަށެވެ. އެކަމަކު ބައެއް ފަހަރަކު ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މި އުނދަގޫތައް ވެއެވެ. ނޯރޯވައިރަސްގެ ސަބަބުން ބައެއް މީހުން ކުޑަކޮށް ހުން އައިސް، ހީކަރުވައި، ގައިގައާއި ބޮލުގައި ރިއްސައި، ވަރުބަލިވެއެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން ބައެއް މީހުން ވަރުދެރަވެއެވެ. ވަރުދެރަވަނީ ބޭރަށްހިންގައި ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑަށް ނިއުޓްރިޝަން ނުލިބުމުގެ ސަބަބުންނެވެ. އަދި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ ޑީހައިޑްރޭޓް ވެއެވެ. ޑީހައިޑްރޭޓް ވަނީ ދިޔާތަކެތި ބޮވޭ މިންވަރު މަދުވުމުގެ ސަބަބުން އާންމުގޮތެއްގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

Advertisement

ނޯރޯވައިރަސްއަކީ އެ ވައިރަސް ޖެހިފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ފެތުރޭ ވައިރަސްއެކެވެ. މިގޮތަށް ބަލި ފެތުރެނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ. އާންމުގޮތެއްގައި ބަލި ޖެހިފައިވާ މީހާ ބައްޔަށް ގިނަ ދުވަސްވާ މިންވަރަކަށް އެ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމަށް އޮންނަ ފުރުސަތު ދަނީ ހަނިވަމުންނެވެ. އެހެން ދިމާވަނީ ވައިރަސްގެ ބާރު ދަށްވާތީއެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ބަލީގެ އަލާމާތްތައް ނުފެންނަތާ 48 ގަޑިއިރު ވުމަށްފަހު އޮފީހަށް ދިއުމާއި ސްކޫލަށް ދިއުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނަށް ދިއުމަކީ މައްސަލައެއް ނޫނެވެ. އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެ ހާލަތުގައި ވަރަށް ކުޑަވާނެއެވެ.

ނޯރޯވައިރަސް ޖެހުމަކީ ކޮންމެހެން އެ ވައިރަސްގެ އަލާމާތްތައް ފެންނަތަކުން ޑޮކްޓަރަށް ދައްކަންޖެހޭ ކަމެއް ނޫނެވެ. ހޮޑު ލެވޭނަމަ ހޮޑު މަނާކުރުމަށް ބޭހެއް ދެވިދާނެއެވެ. ހޮޑުލައި ބޭރަށް ހިންގާނަމަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ޑީހައިޑްރޭޓްވިޔަ ނުދިނުމެވެ. އެކަށީގެންވާ ވަރަށް ދިޔާތަކެތި ނުދެވި ބަލި މީހާ ބަރުދެރަވާގޮތް ވާނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ. ހޮޑުލައި ބޭރަށް ހިންގާ ކޮންމެ ފަހަރަކު އެއީ ނޯރޯވައިރަސްކަމުގައި ނިންމައިގެން ނުވާނެއެވެ. ޚާއްޞަގޮތެއްގައި ހޮޑުލެވުމަކީ ނޯރޯވައިރަސް އަށް ވުރެ ސީރިއަސް އެހެން ކަމަކުން ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ. ހޮޑުލާއިރު ފެހި ކުލަ ނުވަތަ ރީނދޫ ކުލައިގައި ހުންނަ ނަމަ އެއީ ސީރިއަސް ކަމެކެވެ.

ނޯރޯވައިރަސްއިން ރައްކާތެރިވުމަށްރަނގަޅަށް އަތްދޮވުމާއި ސާފުތާހިރުކަމަށްސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. މިވައިރަސް އެންމެ އާންމުކޮށް ފެތުރެނީ ވައިރަސްހުރި ކާބޯތަކެތިންކަމަށްވާތީ އެކަމަށް ޚާއްޞަސަމާލުކަމެއް ދޭންޖެހެއެވެ.

Advertisement

ކޮމެންޓް