ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ދުރުކުރަން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސް، އެ މަނިކުފާނަށާއި މަޖިލީހުގެ މެމްބަރުންނަށް ފޮނުވައިފި އެވެ.
މަޖިލީހުގެ އިދާރާ އިން މިއަދު ކަށަވަރުކޮށްދިން ގޮތުގައި އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ނޯޓިސް، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް މިއަދު ހެނދުނު ނަޝީދަށާއި މެމްބަރުންނަށް ވަނީ ފޮނުވާފައެވެ.
ގަރާރުގެ ނޯޓިސް ފޮނުވަން މަޖިލީހުގެ އިދާރާއަށް ލިބުނު ތިން ދުވަހުގެ މުހުލަތު މިއަދު މެންދުރުފަހަށް ހަމަވާން ވަގުތު ކުޑަތަންވެފައި ވަނިކޮށް ނޯޓިސް ފޮނުވާފައި ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާއި މެދު ނަޝީދު ސުވާލު އުފައްދަވާފައިވާ ވަނިކޮށެވެ.
ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެ ފަހަރަށް ހުށަހެޅި ދާނެ ކަމާ މެދު އެ މަނިކުފާނު އުފައްދަވާފައިވާ ސުވާލެކެވެ. އެ ސުވާލު އުފެދުނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިން މަޖިލީހަށް ހުށަހެޅުމުން ނަޝީދު މަޖިލިސް ހުއްޓުވާލީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހެޅުމުންނެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އެއްފަހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭރު ނަޝީދު ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް އޭރު ވެސް އުޒުރަކަށް ދެއްކެވީ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލެވިފައި ނެތުމުން އެކަމެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު އެމްޑީޕީއަށް މުހިއްމުވުމުން ނަޝީދު އާއި އީވާގެ މައްސަލަ އެމްޑީޕީން އަނބުރައި ގެންދިޔައެވެ. ނަމަވެސް ދެވަނަ ބުރުގައި ވެސް ނަޝީދުގެ ތާއީދު އެމްޑީޕީއަށް ނުލިބުމުން އަނެއްކާވެސް ނަޝީދު މަޖިލިސް ރައީސް ކަމުން ވަކިކުރުމުގެ މައްސައްކަތް އެމްޑީޕީން ފެށީއެވެ.